ސްކޭމް ތަކުގައި ގެއްލުނު 2.2 މިލިއަން ރުފިޔާ މިއަހަރު ހޯދިއްޖެ: ޝިފާން

ސްކޭމް ތަކުގައި ގެއްލުނު 2.2 މިލިއަން ރުފިޔާ މިއަހަރު ހޯދިއްޖެ: ޝިފާން

ސްކޭމް ތަކުގައި އެކި މީހުންގެ އަތުން ގެއްލުނު 2.2 މިލިއަން ރުފިޔާ މިއަަހަރު ހޯދިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ އެއީ މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ހޯދައިދެވުނު ވަރު ކަމަށެވެ.  މިކަމުގައި ހިތާމައަކީ ގިނަ ބަޔަކު ހިޔާނާތްތެރިންގެ ޝިކާރައަކަށްވެ އެމީހުންގެ ސްކީމްތަކުގައި ޖެހެމުން ދިއުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްކޭމް ތަކަށް މީހުން ހޭލުން ތެރި ކުރުމުގެ އިތުރުން، އެކަމަށް ސަމާލު ވުމަށް ގިނަ މަސައްކަތް ތަކެއް ދަނީ ކުރަމުންނެވެ. ޚާއްސަކޮށް ސްކޭމްތައް ހުއްޓުވުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ފުލުހުންގެ އިދާރާގައި ވަނީ ގާއިމް ކޮށްފައެވެ.

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މިއަހަރުގެ ޖުލައި މަހާއި ހަމައަށް 500 އަށްވުރެ ގިނަ ބޭންކު އެކައުންޓު ބްލޮކް ކޮށްފައިވާ ކަމަށް މީގެކުރިން ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ހެޑް އޮފް އެންޓި ސްކޭމް ސެންޓަރު، އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ، 500 އަށްވުރެ ގިނަ ބޭންކު އެކައުންޓު ބްލޮކް ކުރުމުގެ އިތުރުން 782 ޑިވައިސް ނެޓްވޯކުން ބްލޮކްކޮށް، 297 ސިމްކާޑު ޓާމިނޭޓް ކޮށްފައިވާ ކަމަށެވެ. އަދި 70 ވެބް ލިންކް ބްލޮކް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުލުހަށް ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކުގެ ތެރެއިން 156 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކުގެ ޝަރީއަތް މިހާރު ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *