ބީއެމްއެލްގެ އިތުބާރު ގެއްލޭ ކަމެއް ސަރުކާރުން ކޮށްގެން ނުވާނެ: އިބޫ

ބީއެމްއެލްގެ އިތުބާރު ގެއްލޭ ކަމެއް ސަރުކާރުން ކޮށްގެން ނުވާނެ: އިބޫ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިތުބާރު ގެއްލޭ ފަދަ ކަމެއް ސަރުކާރުން ކޮށްގެން ނުވާނެ ކަމަށާއި އެ ބޭންކްގެ އިތުބާރު ރައްޔިތުންނަށްޓަކައި ދަމަހައްޓަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި އިބޫ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެމްއެލްއަކީ ވަރަށް ގިނަ އާންމުންނާއި ވިޔަފާރިވެރިންގެ ދިރިއުޅުމާ ގުޅިފައިވާ ތަނެއް ކަމަށާއި އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އޮންނަންޖެހޭ ތަނެއް ކަމަށެވެ.

ސަރުކާރުން ވިޔަސް ބީއެމްއެލްއަށް އޮތް އިތުބާރު ގެެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށާއި، ބީއެމްއެލް އަށް ކުރާ އިތުބާރު ގެއްލިއްޖެ ނަމަ އެއީ މުޅި މުޖަތަމައަށް ލިބޭނެ ބޮޑު ދެރައެއް ކަމަށްވެސް ސޯލިހު ވިދާޅުވިއެވެ.

"އެއީ ރައްޔިތުންގެ ބޭންކް" އިބޫ ވިދާޅުވިއެވެ.

އިބޫ މިހެން ވިދާޅުވިއިރު، ބީއެމްއެލް އިން ކާޑުގެ ޑޮލަރު ލިމިޓާއި ގުޅޭ ގޮތުން ނިންމި ނިންމުމާއެކު، އެއީ ސަރުކާރު ވައްޓާލަން އެ ބޭންކުގެ ތެރެއިން ހިންގަން އުޅުނު ބަޣާވާތެއް ކަމަށް ސަރުކާރުގެ އިސްބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލްއިން މެދުވެރިކޮށް ބަޣާވާތް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އެ މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް އެ މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކާ ސުވާލުކުރި ކަމެއް ނުވަތަ މީހަކަށް ތުހުމަތެއް ކުރާ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފެންމަތިވި ފަހުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ރާއްޖޭން ބޭރަށް ވަޑައިގެން، އިސްތިއުފާ ވަނީ ހުށަހަޅުއްވައިފަ އެވެ. އޭނާ އެ މަގާމުގައި ހުންނަވާނީ އަންނަ ހޮނިހިރު ދުވަހާ ހަމައަށެވެ.

ސަރުކާރުން އިއްޔެ ވަނީ ބީއެމްއެލްގެ ޗެއާމަންގެ މަގާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު އައްޔަނު ކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ނަން ފޮނުވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *