ބޮކްސާ ތެރޭގައި ފޮރުވައިގެން އައްޑޫ ސިޓީއިން ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލައިގައި ދައުލަތުން އުފުލި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ، މީހަކު 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
މ. ސެންޓްހެލީނާ، އަހުމަދު މިފްޒާލް ހައްޔަރު ކުރީ އައްޑޫ ސިޓީ ފޭދޫ އިން ފުވައްމުލަކަށް ފުރާ ފެރީ އިން މަސްތުވާތަކެތި ގެންދަން އުޅޭކަމަށް އާންމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމަތަކާއި ގުޅިގެން 27 ޖޫން 2019 ގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މަސްތުވާތަކެތި ފެނުނީ މިފްޒާލްގެ ބޮކްސާގެ ތެރެއިންނެވެ. މަސްތުވާތަކެތި އޭނާ ފުލުހުންނަށް ދިނީ ބޮކްސާ ތެރެއިން އަމިއްލައަށް ނެގުމަށްފަހެވެ. އެ ތަކެތީގެ ބަރުދަނުގައި 100.8972 ގްރާމް ހުއްޓެވެ. އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޑައަމޯފިންނެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށަށް މިފްޒާލް އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށައަޅާފައިވާ ހެކިތަކަށް ބެލުމަށްފަހު ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންވެ، އޭނާ 25 އަހަރަށް ޖަލަށް ލުމާއެކު، 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމް ކޮށްފައެވެ.