ފެނަކަ ޗެއާމަނަކަށް އެސްޓީއޯގެ އެމްޑީ ޝިމާދު

ފެނަކަ ޗެއާމަނަކަށް އެސްޓީއޯގެ އެމްޑީ ޝިމާދު

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝިމާދު އިބްރާހިމް ހަމަޖައްސައިފިއެވެ.

ފެނަކައިގެ ޗެއާމަނަކަށް ޝިމާދު ހަމަޖެއްސިކަން އިއުލާނުކޮށް، ފެނަކައިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޝިމާދުގެ ވިޝަނާއި ލީޑަޝިޕްގެ ދަށުން އެ ކުންފުންޏަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

ފެނަކައިގެ ޗެއާމަނަކަށް ކުރިން ހުންނެވީ އަހުމަދު ޝަހީރެވެ. އޭނާ އެ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ.

ފެނަކައިގެ ބޯޑަށްވެސް ވަނީ ދެ މެންބަރަކު ވެސް އައްޔަން ކޮށްފައެވެ. އެއީ އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިންއެވެ.

ފެނަކައިގެ ޗެއާމަނަކަށް ޝިމާދު ހަމަޖެއްސިއިރު، ފެނަކައިގެ ސައްތައިންސައްތަ ހިއްސާ، އެސްޓީއޯއިން ގަނެ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ މިދިޔަ މަހުއެވެ.

އެސްޓީއޯގެ ދަށަށް ފެނަކަ އެއްކޮށް ބަދަލު ކުރާނީ އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށާއި އެ ބަދަލު ގެނައުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ފަށާފައިވާ ކަމަށް ޝިމާދު ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *