ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗު ފަޅިން 16 ބިން ވިއްކަން ހުޅުވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗު ފަޅިން 16 ބިން ވިއްކަން ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ ދެވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައި ވަނީ ބީޗް ފްރަންޓާއި ބީޗް ސައިޑު ބިންތައް ކަމަށެވެ. އެގޮތުން ބީޗް ފްރަންޓުން ވިއްކަނީ 1،095 އަކަފޫޓާއި 3،252 އަކަފޫޓާ ދެމެދުގެ ބިން ތަކެކެވެ. ބީޗް ފްރަންޓް ބިންތައް ވިއްކަނީ އަކަފޫޓެއް 4،500 ރުފިޔާ އަށެވެ. އެހެން ކަމުން އަގުތައް އުޅެނީ 4.9 މިލިއަން ރުފިޔާ އާއި 14.6 މިލިއަން ރުފިޔާއާއި ދެމެދުގައެވެ.

ބީޗް ސައިޑުން ވިއްކަނީ 1،440 އަކަފޫޓާއި 3،380 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. ބީޗް ސައިޑުން ވިއްކަނީ އަކަފޫޓެއް 4،000 ރުފިޔާ އަށެވެ. އެހެންކަމުން އެތަންތަނުގެ އަގުތައް އުޅެނީ 5.8 މިލިއަން ރުފިޔާ އާއި 13.5 މިލިއަން ރުފިޔާއާ ދެމެދުގައެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައި ވަނީ 16 ބިމެއް ކަމަށެވެ. އެއީ ބީޗް ފްރަންޓުން 8 ބިން އަދި ބީޗް ސައިޑުން 8 ބިމެވެ.

އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބީލަމަށް ކުރިމަތިލެވޭއިރު، މި ބިން ތަކަށް ކުރިމަތި ލެވޭނީ ހަމައެކަނި ދިވެހިންނަށެވެ. ބީލަން ހުށަހަޅަނީ ކުންފުންޏަކުން ނަމަ އެއީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ބިން ވިއްކަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ އޮންނާނީ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ހުށަހަޅާފައިވާ ބިމެއް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާ ނަމަ، ދެން ޖެހޭނީ ބިޑް ކުރުމަށް ހުޅުވާލުމެވެ.

ވިއްކަން ހުށަހަޅާފައިވާ ބިން ތަކުގެ މައުލޫމާތު އެޗްޑީސީ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުމުން ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *