ސަމާލުވޭ، ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ބޮޑު ސްކޭމެއް

ސަމާލުވޭ، ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ބޮޑު ސްކޭމެއް

ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ހިންގާ ބޮޑު ސްކޭމަކަށް ސަމާލުވާން ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނީ ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ އަމަލު ތަކެއް މި ދުވަސްވަރު އިތުރުވަމުން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެން ކަމުން ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތް ކުރުމުގައި އިތުބާރު ހުރި، ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާއި މުއާމަލާތް ކުރުމަށް ފުލުހުންވަނީ އެދިފައެވެ.

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ތާށި ކަމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ ވަނީ ބޮޑުވެފައެވެ.

އެކަމާއި ގުޅިގެން ބިދޭސީން ހިމެނޭގޮތުން، ޓެލެގްރާމް، ފޭސްބުކް، ވައިބާ ފަދަ ކޮމިއުނިޓީ ތަކުގައި ބޭރު ފައިސާ ގަތުުގެ ނަމުގައި ހިންގާ ސްކޭމް ތަކުގެ މިންވަރު ވަނީ އިތުރު ވެފައެވެ. ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައި ގިނައިން ހަރަކާތްތެރި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންކަން ވަނީ ފާހަގަ ވެފައެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދިޔަ ފަސް ބިދޭސީއަކު، ގިނަ އަދަދެއްގެ ފައިސާ އާއެކު މިދިޔަ ހަފްތާގައި ވަނީ އަތުލައިގެންފައެވެ. އިމިގްރޭޝަނުން ބުނީ، އެ މީހުން އަތުލައިގަތީ ޓާސްކުފޯސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ އިދާރާއާއި ފުލުހުން ގުޅިގެން ހިންގި ރެއިޑެއްގައި ކަމަށެވެ. އެ ރެއިޑުގައި އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އާއި ކްރެޑިޓް ކާޑު ތަކެއް ފެނިފައިވާ ކަމަށްވެސް ބުންޏެވެ.

އިމިގްރޭޝަނުން ވަނީ އެ ރެއިޑުގައި އަތުލައިގެން ދެ ބިދޭސީއަކާއި އެ މީހުންގެ އަތުން ފެނުނު ގިނަ އަދަދެއްގެ ފައިސާ އާއި އެނޫން ތަކެތީގެ ފޮޓޯތައްވެސް ސޯޝަލް މީޑިޔާގައި އާންމު ކޮށްފައެވެ. އެ ފޮޓޯ ތަކުން ފެންނަ ގޮތުގައި އެ މީހުންގެ އަތުން އެމެރިކާ ޑޮލަރާއި އެހެން ގައުމު ތަކުގެ ރުފިޔާ ގިނަ އަދަދަކަށް ހުއްޓެވެ. އަދި ދިވެހި ރުފިޔާގެވެސް ބޮޑެތި އަދަދު ތަކުގެ ނޫޓުތައް ހުއްޓެވެ.

އެ މީހުންގެ އަތުން ފެނުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އިމިގްރޭޝަނުން ނުބުނެއެވެ. އެ އިދާރާ އިން ބުނީ، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާތީ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *