ފުއްގިރި މައްސަލަ: ޔާމީނަށް ކުރާ ދައުވާގެ އަޑު އެހުމެއް އަންގާރަ ދުވަހު ބާއްވަނީ

ފުއްގިރި މައްސަލަ: ޔާމީނަށް ކުރާ ދައުވާގެ އަޑު އެހުމެއް އަންގާރަ ދުވަހު ބާއްވަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގެ އަޑު އެހުންތައް އަންނަ އަންގާރަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. އެ ހިޔާނާތާ ގުޅިގެން ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާވެސް ވަނީ އުފުލައިފައެވެ.

ކުރިމިނަލް ކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ ހުސްވި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އެދުވަހު އޮތީ އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެތް ކެއްގެ ހެކިބަސް ނެގުމެވެ. އެދުވަހު ހެތްކެއްގެ ގޮތުގައި ހާޒިރު ކުރީ، އެމްއެމްޕީއާރްސީގައި ކުރިން ވަޒީފާ އަދާކުރި މުހައްމަދު ޝިފާއު ކިޔާ މީހެކެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ތަރުޖަމާނު އަދި އެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު ވިދާޅުވީ، ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންގާރަދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.  އެ ދުވަހުގެ އަޑު އެހުމުގައިވެސް އޮތީ ދައުލަތުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުމެވެ.

ފުއްގިރި ހިޔާނާތާއި ބެހޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށް ޓަކައި ފަށަލަ ކޮށްފައެވެ. އެ މައްސަލައިގެ ތެރެއިން ޖުމްލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާ އާއި އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *