ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން ހުށަހަޅައިފި

ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން ހުށަހަޅައިފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމުގައި ހުންނެވި، ހުސައިން ޝަމީމް އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޝަމީމު މަގާމުން ވަކިކުރެއްވުމަށް ހުށަހަޅުއްވާފައި ވަނީ ޕީއެންސީއަށް ނިސްބަތްވާ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދު އެކަމަށް އެދިވަޑައިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވި ސިޓީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކު ވަނީ އިއްވާފައެވެ.

އެ ސިޓީގައި މެންބަރު ޝާހިދު ފާހަގަ ކުރައްވާފައިވާ ގޮތުގައި ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން ޕީޖީއަކީ ވަކި ފަރާތަކަށް ނުޖެހި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު، ހާމަކަމާއި ހަމަހަމަ ކަމާއެކު މަސައްކަތް ކުރައްވަން ޖެހޭ ބޭފުޅެއް ކަމުގައި ވީނަމަވެސް އެގޮތާ ޚިލާފަށް ޕީޖީ ކަމުގައި ހުންނަވައިގެން ޝަމީމު އަމަލު ކުރައްވާފައިވާ ކަމަށެވެ.

އެ ސިޓީގައި، މެންބަރު ޝާހިދު ވަނީ، ޕީޖީކަމުގެ މަގާމު ބޭނުން ކޮށްގެން، ޝަމީމް ކުރައްވާފައިވާ ބައެއް ކަންކަންވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރެ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކެއް ރޭޕުކުރި ކަމަށް ތުހުމަތުވާ އަލީ ވަހީދުގެ މައްސަލަ ގާނޫނީ ސަބަބެއް ނެތި ފައިލު ކުރެއްވި ކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ.

"މި މައްސަލަ ފައިލް ކުރީ ހެކިންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބަޔާންކޮށް ކަމުގައިވީ ނަަމަވެސް މިއީ އެއިރު ވެރިކަން ކުރި އެމްޑީޕީން އެންގި ގޮތަށް މަގާމުގެ ދިފާއުގައި ކުރި ކަމެއް،" ޝާހިދުގެ ސިޓީގައިވެއެވެ.

ޝާހިދު ވިދާޅުވީ، ކޯޓު އަމުރު ފޮނުވައިގެންވެސް، ހެކިބަސް ހޯދޭ ކަމަށާއި އެކަމަށް އިޖުރާއަތްތައް، ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

ޝާހިދުގެ ސިޓީގައި ވިދާޅުވީ، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން އުފުލި ދައުވާ ޝަމީމް އަނބުރާ ގެންދެވީ، އެއިރު މަޖިލީހުގައި އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އޭނާ މަގާމުން ވަކިކުރުމަށް މައްސަލައެއް އެޖެންޑާކޮށްފައި އޮއްވައި ކަމަށެވެ. އަދި މަހުލޫފުގެ މައްސަލަ އަނބުރާ ގެންދިއުމުން ޝަމީމު މަގާމުން ވަކިކުރަން ފެށި މަސައްކަތް އެމްޑީޕީން ހުއްޓައިލި ކަމަށްވެސް ވިދާޅުވިއެވެ.

އެ ސިޓީގައި އިތުރަށް ވަނީ ސަފާރީ ރޭޕް ކޭސް، އިސްތިއުނާފު ނުކުރުމާއި ކުރީގެ މެންބަރު ރިޒާއަށް ކުރި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެންދިއުމާއި، އެއްޖިންސުން ގުޅުން ހިންގުމުގެ ބައެއް ދައުވާތައް އަނބުރާ ގެންދިއުމާއި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަކީވެސް، ޝަމީމް ޕީޖީކަމުގެ ނުފޫޒު ބޭނުންކޮށްގެން ކުރެއްވި ކަމެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

މީގެއިތުރުން ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި ޝަމީމު ގެންދަވަނީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައިވެސް ތަފާތު ކުރައްވަމުންނެވެ.

މިއަދު ޖުޑީޝަރީ ކޮމިޓީން ނިންމާފައި ވަނީ ޝާހިދު ހުށަހެޅުއްވި މައްސަލަ ކޮމިޓީއަށް ބަލައިގަނެ ކޮމިޓީން ދިރާސާ ކުރުމަށްފަހު ގޮތެއް ނިންމާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *