ފެނަކައާ ހަވާލުކުރި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތައް ބާތިލުކޮށް، އެމްޑަބްލިއުއެސްސީއަށް ދޭން ނިންމައިފި

ފެނަކައާ ހަވާލުކުރި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތައް ބާތިލުކޮށް، އެމްޑަބްލިއުއެސްސީއަށް ދޭން ނިންމައިފި

ފެނަކައަކީ ޚިދުމަތްދޭ ކުންފުންޏަކަށް ވާތީ އެ ކުންފުންޏާ ހަވާލު ކޮށްފައި ހުރި ފެނާއި ނަރުދަމާ ނިޒާމުގެ ހުރިހާ މަޝްރޫއުތަކެއް ބާތިލު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު އޮފް ކޮންސްޓްރެކްޝަން އެންޑް އިންފްރާންސްޓްރަކްޗާ ޑރ. އަބުދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި، ބ. ދޮންފަނުގައި ކުރީގެ ސަރުކާރުން ފަށާފައިވާ ފެނާއި ނަރުދަމާގެ މަސައްކަތުގެ އާރު އޯ ޕްލާންޓާއި އެޑްމިން ބިލްޑިންގ އަދި ޕަންޕް ސްޓޭޝަން ތަކުގެ މަސައްކަތް ހުއްޓުފައިވާއިރު، އެ މަސައްކަތް ފަށައި ރައްޔިތުންނަށް ޚިދުމަތް ދޭނީ ކޮން ދުވަހަކުންތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ 20 ރަށެއްގައި އެއް ބިލިޔަނަށްވުރެން ގިނަރުފިޔާގެ ފެނާއި ނަރުދަމާ ނިޒާމުގެ ޕްރޮޖެކްޓް ހިންގަމުން ގެންދާ ކަމަށެވެ. އެއީ ކުރީގެ ސަރުކާރުން ފެނަކައާ ހަވާލު ކޮށްފައިވާ ޕްރޮޖެކްޓް ތަކެއް ކަމަށާއި، އެ ޕްރޮޖެކްޓްތައް ބާތިލް ކުރަން ނިންމީ އެ ކުންފުންޏަކީ ކޮންޓްރެކްޓް މަސައްކަތް ހިންގާނެ ކޮންޓްރެކްޓަރަކަށް ނުވުމާއި އެއީ ޚިދުމަތްދޭ ކުންފުންޏަކަށް ވުމުން ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބާތިލް ކުރާ ޕްރޮޖެކްޓްތައް އެމްޑަބްލިއުއެސްސީއާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި މަސް ނިމުމުގެ ކުރިން އެ ކުންފުންޏާ ޕްރޮޖެކްޓުތައް ހަވާލު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި ވީހައިވެސް އަވަހަކަށް އެމްޑަބްލިއުއެސްސީއާ މަސައްކަތްތައް ހަވާލު ކުރުމުގެ މަސައްކަތް ކުރެވޭނެ މަގެއް ފެނޭތޯ ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ފެނަކައާ ހަވާލުކޮށްފައި ހުރި ހުރިހާ މަޝްރޫއު ތަކެއް، ބާތިލު ކުރުމަށް ފަހުގައި އެމްޑަބްލިއުއެސްސީއާ ވާހަކަ ދައްކައިގެން ޑައިރެކްޓު ނެގޯޝިއޭޝަނެއްގެ ތެރެއިން އެމްޑައިބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެސް ރަށެއްގައި ހިންގަމުންދާ މަޝްރޫއުއެއް ހުއްޓާލައިގެން ސަރުކާރުން ނުތިބޭނެ ކަމަށާއި ވީހާވެސް އަވަހަކަށް މަޝްރޫއުތައް ފެށޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ 20 ރަށުގެ މަސައްކަތް މިފަހަރު ކުރިއަށް ގެންދާނީ އެއް ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *