??????

އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ނަން އިއްވައި ތަޅުމުން ނުކުންނަންދެން ޖަލްސާ މެދުކަނޑާލައިފި

އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ނަން އިއްވައި ތަޅުމުން ނުކުންނަންދެން ޖަލްސާ މެދުކަނޑާލައިފި

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެމްބަރެއްގެ ނަން އިއްވައި، އެ މެމްބަރުން މަޖިލިސް ތަޅުމުން ނުކުންނަން އަންގައިފިއެވެ.

މިއަދުގެ ޖަލްސާގައި ނަން އިއްވައި ޖަލްސާއިން ނިކުންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އެންގެވީ، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދާއި، ކެނދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކުރު އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދުގެ ނަން އިއްވައި މަޖިލިސް ޖަލްސާއިން ނިކުންނަން އަންގައިފިއެވެ.

ނަން އިއްވި އެމްޑީޕީގެ 4 މެންބަރުން ނިކުންނަންދެން މަޖިލިސް ޖަލްސާ މިހާރު ވަނީ މެދުކަނޑާލައިފައެވެ. ރިޔާސަތުން މަޖިލީހުގެ ރައީސް ވިދާޅުވީ ދެން ޖަލްސާ ކުރިޔަށް ގެންދާނީ އެ މެމްބަރުން ނުކުތުމުން ކަމަށެވެ.

އެ މެންބަރުންގެ ނަން އިއްވީ މަޖިލީހުގެ މިއދުގެ ޖަލްސާގައި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން ޖަލްސާ ހޫނުވެ މެންބަރުންގެ މެދުގައި އަޑުގަދަވެ، ރިޔާސަތުން މަޖިލިހުގެ ރައީސް ދެއްވި އިންޒާރުތަކަށް ކިޔަމަން ނުވުމުންނެވެ.

އެމްޑީޕީ މެންބަރުން ވިދާޅުވީ، އެ ބޭފުޅުން ކުރައްވާ ސުވާލު ތަކަށް މިނިސްޓަރު ޖަވާބު ނުދެއްވާ ކަމަށެވެ. އެ މައްސަލައިގައި މެންބަރުން ނިޒާމީ މައްސަލަވެސް ނެނގެވިއެވެ. ނަމަވެސް ބައެއް ނިޒާމީ މައްސަލަ ތަކަށް ރިޔާސަތުން ފުރުސަތު ނުދެއްވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެ ވަގުތުތަަކީ ނިޒާމީ މައްސަލައަށް ފުރުސަތު ދޭންޖެހޭ ވަގުތު ނޫން ކަމަށެވެ.

އެންމެ ފުރަތަމަ ނަން އިއްވަވައި ޖަލްސާއިން ނިކުނެވުމަށް އެންގެވީ މެންބަރު ޒިޔާދަށެވެ. އެއީ އޭނާ ކުރެއްވި ސުވާލަކަށް މިނިސްޓަރު ސާފު ޖަވާބެއް ނުދެއްވުމުންނެވެ.

ޒިޔާދު  ސުވާލު ކުރެއްވީ ކުރީގެ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓު ނުއަތުލާނެ ކަމަށް ވައުދުވުމަށްފަހު އެ ސިޔާސަތު މިނިސްޓްރީން ބަދަލު ކުރީ ރައީސް މުއިއްޒުއާ މަޝްވަރާ ކުރައްވާފައިތޯއެވެ. އަދި ފްލެޓް ލިސްޓު ރިވިއު ކުރާއިރު، ގޯތި ލިސްޓު އަލުން ރިވިއު ނުކުރައް ވަނީ ގޯތި ދީފައި ހުރިލެއް ރަނގަޅު ކަމުންތޯވެސް ސުވާލު ކުރެއްވިއެވެ.

މިނިސްޓަރު ހައިދަރު ޖަވާބު ދެއްވީ އެތަނުން އެއްސުވާލަށެވެ. މިނިސްޓަރު ވިދާޅުވީ ފްލެޓާއި ގޯތި އެއްވެސް މީހެއްގެ އަތުން އަތުލާނީ، އެތަންތަން ލިބިފައި ވަނީ ހައްގުވެރިންނަށްތޯ ނުވަތަ ނޫންތޯ ބެލުމަށްފަހުގައި ކަމަށެވެ.

އެޖަވާބާއި ގުޅިގެން، ނިޒާމީ މައްސަލަ ނަންގަވައި އޭނާގެ ސުވާލަށް މިނިސްޓަރު ޖަވާބު ނުދެއްވާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ. ނަމަވެސް ރިޔާސަތުން ވިދާޅުވީ، ކުރާ ސުވާލަށް މެންބަރު ބޭނުންވާ ޖަވާބު ނުލިބިދާނެ ކަމަށެވެ. އެހިސާބުން ޖަލްސާ ހޫނުވެ މެންބަރުންގެ މެދުގައި ޒުވާބު ހިނގަން ފެށިއެވެ.

އަޑުމަޑު ކުރައްވައި އިށީންދެ ވަޑައިގެންނެވުމަށް ތަކުރާރުކޮށް ދެންނެވުމުންވެސް، އިށީންދެ ވަޑައިނުގަތުމުން މަޖިލިސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމުގެ އިންޒާރު ދެއްވުމަށްފަހު، މަޖިލިސް ރައީސް ފުރަތަމަ ނަން އިއްވެވީ ޒިޔާދުގެއެވެ.

އެއަށްފަހު އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި މައުރޫފު ޒާކިރު އާއި މުހައްމަދު ނިއުޝާދުގެ ނަން އިއްވަވައި ޖަލްސާއިން ނިކުންނެވުމަށް އެންގެވިއެވެ.

އެ މެންބަރުން ޖަލްސާއިން ނުނިކުންނެވުމުން، އެ މެންބަރުން ޖަލްސާއިން ނިކުންނަވަންދެން ޖަލްސާ މެދުކަނޑާލީ ކަމަށް ވިދާޅުވެ، 9:40 ހާކަންހާއިރު ޖަލްސާގެ ފުރަތަމަ ދަންފަޅި ނިންމަވާ ލެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *