ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލު ކުރެވޭނެ ދުވަހެއް ނޭނގެ: މިނިސްޓަރު

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލު ކުރެވޭނެ ދުވަހެއް ނޭނގެ: މިނިސްޓަރު

ގުޅީ ފަޅުން ގޯތި ލިބުނު ފަރާތް ތަކަށް ބިން ހަވާލު ކުރެވޭނެ ތާރީޚެއް އަދި އެނގިވަޑައިނުގަންނަވާކަމަށް، ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ބޯހިޔާވަހި ކަމަކީ މިސަރުކާރުން ވަރަށްބޮޑު އިސްކަމެއް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. ނަމަވެސް ގުޅީފަޅުން ގޯތިދޭން ބަލާއިރު އެ ބިން އެއްކޮށް ހިއްކައި ނުވެސް ނިމޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގުޅީ ފަޅަކީ މިވަގުތު ބްރިޖު މަސައްކަތަށް ވަރަށް ބޮޑަށް ބޭނުން ކުރަމުންދާ ސައިޓަކަށް ވާތީ އެސައިޓް ހުސްކުރެވޭނެ ކަމަށް މައުލޫމާތު ލިބިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުހާ ތަނަށް، ބްރިޖުގެ މަސައްކައްކަތް ތަކަށް އެ ސައިޓް ބޭނުން ކުރަމުން ދާއިރު އެތަނުން ބިން އެލޮކޭޓް ކޮށްގެން މީހުންނަށް ބިން ދޫކުރެވޭނީ އެތަނުގެ މަސައްކަތް ނިމުނީމަ. އެއީ އެތަނުގައި ވަރަށް ބޮޑެތި ހެވީ ވެހިކަލްތައް ދުއްވައި ހަދާތީ، ކުރިން ދޫކޮށްފަ ހުރި ގޯތި ތަކުގެ ކަށްމުޑިތައްވެސް އެއްކޮށް ހަލާކުވެގެން ހިނގައްޖެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގުޅީފަޅުން ބިން ހަވާލު ކުރުމުގައި ބަލަންޖެހޭ އެހެން ކަންތައްތަކެއްވެސް އެބައޮތް ކަމަށެވެ. އެގޮތުން އެތަނުން ބިން އެލޮކޭޓް ކޮށްފައި ހުރީ ދިރިއުޅެން އެކަށީގެންވާ ގޮތަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އެހެން ކަމުން އަޅުގަނޑުމެން ތައްޔާރު ކުރި ލޭންޑް ޔޫސްޕްލޭނަކަށް ބިނާކޮށް އެތަނުގައި ތަކުލީފަކާ ނުލައި ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތަށް އުމްރާނީނ އިގްތިސާދީ އަދި އިޖްތިމާއީ ވަސީލަތްތަކާ އެކީގައި އެތަން ތަރައްގީ ކުރުމާބެހޭ ލޭންޑްޔޫސް ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭން ފާސް ކުރުމަށް ގުޅީފަޅުގެ ކޮމިއުނިޓީއާ ބައްދަލުކޮށް މަޝްވަރާކޮށް އެ ޕްލޭނަށް އޮންނާނީ މިހާރު ބަދަލުތަކެއް ގެނެސްފަ، އެ ޕްލޭން ފާސް ކުރުމުގެ އެންމެ ފަހު މަރުހަލާގައި މިހާރު އުޅެނީ،" ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގިރާވަރުފަޅުން ގޯތިދިން ބަޔަކު ގުޅީފަޅަން ބަދަލު ކުރަންޖެހޭ ކަމަށެވެ. މިހާރު އެ މަސައްކަތްކޮށް ނިންމާފައިވާ ކަމަށާއި، އެކަމަށްޓަކައި ބޭއްވި ގުރުވަތުން ހޮވުނު ފަރާތް ތަކަށް ގުޅީފަޅުން ޖާގަ ދޭގޮތަށް ނިންމައި ލޭންޑް ޔޫސް ޕްލޭނަށް އެބައި އިތުރު ކޮށްފައިވާ ކަމަށެވެ.

ކުރީ ސަރުކާރުން ގޯތިތައް ދީފައި ހުރީ ކަނޑުންނާއި ފަޅުން، ކަމަށާއި، އެހެން ކަމުން އެތަން ހިއްކައިފައި ނޫނީ ގޯތިތައް ހަވާލެއް ނުުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެތަނުގެ ބިން ހިއްކުމުގެމަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވާއިރު، އެކަމާބެހޭ ގޮތުން އެމްޓީސީސީއާ ހަވާލު ކޮށްގެން އެކަން ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރަމުން ދާކަމަށްވެސް ވިދާޅުވިއެވެ.

"ނިމޭނެ ވަކި ދުވަހެއް ވިދާޅެއްނުވޭ، 85 ހެކްޓަރު އަދި ހިއްކަން އެބައޮތް، އެ ހިއްކާ ނިމުނީމަ އެތަނުން ގޯތި ހަވާލު ކުރެވޭނީ، ހަވާލުކުރެވޭ ވަކި ތާރީހެއް މިވަގުތު ދަންނަވަން ދަތި، ލޭންޑް ޔޫސް ޕްލޭން ފާސްކޮށް އެއަށް އަމާޒުކޮށް ސާވޭއެއްކޮށްފަ ބިން ކަނޑައެޅިދާނެ، ނަމަވެސް އެތަނުގައި ޖަހާ ކަންމުޑިތައް ހުންނާނެ ކަމުގެ ޔަގީންކަމެއްނެތް، އެހެންކަމުން އަލުން ހަރަދުކޮށްގެން ފަހުން އެކަން ކުރަންޖެހޭއިރު މިވަގުތު އެކަންކުރަން އެކަށީގެނެއްނުވޭ ބުރިޖު މަސައްކަތް ކުރަމުން ދާތީ،" މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *