އިންޑިޔާ އާއި ރާއްޖޭއާ ދެމެދުގައި ވަނީ ވަރަށް ވެސް ގާތް ގުޅުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އާ އުސްމިން ތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ އިންޑިޔާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ގާއިމް ކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތްތައް ނިންމައި ސަރުކާރާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރައީސް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖެ އާއި އިންޑިޔާގެ ގުޅުން އިތުރަށް ބަދަހިވެ، ގުޅުން ރަނގަޅު ވަމުން ދާކަން ޖައިޝަންކަރުގެ މި ދަތުރުފުޅުގެ ސަބަބުން ސާބިތު ކޮށްދީފި ކަމަށެވެ.
ރައީސް ވިދާޅުވީ އިންޑިޔާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއު ތަކަކީ ދެގައުމުގެ ބަދަހިކަން ދައްކުވައިދޭ ހެއްކެއް ކަމަށެވެ. އަދި މި މަޝްރޫއު ތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ރަށްރަށުގެ ތަރައްގީ އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
ރައީސް ވަނީ އިންޑިޔާއިން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާކޮށް، 50 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުން ފަސްކޮށްދީފައި ވާތީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.
ރާއްޖެއަށް ވެދެމުން އަންނަ ދީލަތި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި ރައީސް ވިދާޅުވީ އިންޑިޔާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އެންމެ އެކުވެރި އެއް ގައުމު ކަމަށާއި ރާއްޖެއަށް އެހީ ބޭނުންވާ ކޮންމެ ވަގުތަކު އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިޔާ އަބަދުވެސް ދެމިއޮންނަ ކަމަށެވެ.
"އަޅުގަނޑު ޔަގީންކަން މިދެނީ ދެ ގައުމުގެ ތާރީޚީ ގުޅުން ކުރިއަށް އޮތް އަހަރު ތަކުގައި އިތުރަށް ހަރުދަނާކޮށް އާ ހަރުފަތަކަށް ގެންދިއުމަށް އަޅުގަނޑުގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ،" ރައީސް ވިދާޅުވިއެވެ.
ރާއްޖެ އާއި އިންޑިޔާގެ ޒަމާންވީ ގުޅުމަކީ ދެގައުމުގެ އެކުވެރިކަމާއި އިޙްތިރާމާއި ބަދަހި ކަމުގެ ސަބަބުން ގާއިމުވެފައިވާ ގުޅުމެއް ކަމަށާއި ސަގާފަތާއި އިކޮނޮމިކް ގުޅުން ތަކުގެ ސަބަބުން ދެގައުމު އިތުރަށް ބަދަހިވެފައިވާ ކަމަށެވެ. އަދި އިންޑިޔާ އާއެކު އޮތް ތާރީޚީ ގުޅުމަކީ ރާއްޖޭގެ ރައްޔިތުން ވަރަށް ެސް އިހުތިރާމުކުރާ އަދި ބަލައިގަންނަ ގުޅުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މި ގުޅުން ދަމަހައްޓައި އިތުރަށް ބަދަހި ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.