ސަރުކާރުން ދޭންޖެހޭ މައުލޫމާތު ނުލިބިގެން ތިން ބިލެއް ހުއްޓިފައި އެބައޮތް: މާލިއްޔަތު ކޮމިޓީ

ސަރުކާރުން ދޭންޖެހޭ މައުލޫމާތު ނުލިބިގެން ތިން ބިލެއް ހުއްޓިފައި އެބައޮތް: މާލިއްޔަތު ކޮމިޓީ

ސަރުކާރުގެ ކަމާބެހޭ އިދާރާ ތަކުން ރައްޔިތުންގެ މަޖިލީހަށް ދޭންޖެހޭ ކަމަށް މަޖިލިސް ގަވާއިދުގައި ބުނާ، މައުލޫމާތުތައް ނުދީގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ތިން ބިލެއްގެ މަސައްކަތް ކުރިއަށް ނުގެންދެވި އެބައޮތް ކަމަށް އެ ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމިޓީގައި މިއަދު އޮތީ، ދައުލަތުގެ މާލިއްޔަތާބެހޭ ބިލް ތަކުގެ ތެެރެއިން ދައުލަތުގެ ފިޒިކަލް ޒިންމާގެ ބިލްގެ މަަސައްކަތް ކުރިއަށް ގެންދިއުމެވެ.

ކޮމިޓީގެ ބައްދަލުވުން ފެއްޓެވުމަށްފަހު ގާސިމް ވިދާޅުވީ، ކޮމިޓީގައި އޮތް ތިން ބިލަށް ކޮމެންޓް ކުރުމަށް ކަމާބެހޭ ދައުލަތުގެ އިދާރާ ތަކަށް ފޮނުވި ނަމަވެސް، އެ މައުލޫމާތު އަދި ކޮމިޓީއަށް ފޮނުވާފައިނުވާ ކަމަށް އިދާރީ މޭޒުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެއަށްފަހު އެ މައުލޫމާތު ކޮމިޓީއާއި ހިއްސާ ކުރުމަށް އިދާރީ ބެފުޅުންނަށް ފުރުސަތު ދެއްވިއެވެ.

އެކަމާއި ގުޅިގެން އިދާރީ މޭޒުން ވާހަކަ ދެއްކި މުވައްޒަފު ވިދާޅުވީ، އެބިލްގައި ހުރި ކަންބޮޑުވުން ތަކަށް ކޮމެންޓް ކުރުމަށް އިތުރު ފުރުސަތު ދެއްވުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެބިލާމެދު ބައެއް ކޮމެންޓްތައް ބަދަލުވެފައިވާ ކަމަށާއި، ސެންޓްރަލް ބޭންކު (އެމްއެމްއޭ) އިން ބިލަަށް ފޮނުވާ ކޮމެންޓް ތަކަށްވެސް މިހާރު ބަދަލު އައިސްފައި ވާނެކަަމަށް މިނިސްޓަރު ވިދާޅުވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ކޮމިޓީގައި އޮތް ތިން ބިލްގެ ތެރެއިން ފިޒިކަލް ޒިންމާގެ ބިލްގެ މަސައްކަތް މިމަހު 13 އަށް ނިންމަން ސުންގަޑީ ކަނޑައަޅައި މަޖިލިސް ތަޅުމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އިދާރާ ތަކުން ލިބެންޖެހޭ މައުލޫމާތު ނުލިބި މިއަދަށް މިވީ 7 ދުވަސް ކަންވެސް ގާސިމް ފާހަގަ ކުރެއްވިއެވެ. އެގޮތަށް އިދާރާ ތަކުން މައުލޫމާތު ނުލިބިގެން ތިން ބިލެއްގެ މަސައްކަތް ކޮމިޓީގައި ކުރިއަށް ނުގެންދެވި އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެން ކަމުން ކޮމިޓިގެ މަސައްކަތް ދެން ކުރިއަށް ގެންދާނެ ގޮތަކާމެދު ގޮތެއް ނިންމެވުމަށް ގާސިމް މެންބަރުންނަށް ފުރުސަތު ދެއްވިއެވެ.

ހުޅުމޭލެ ދެކުނު ދާއިރާގެ މެންބަރު ޑރ، އަހްމަދު ޝަމްހީދު ވިދާޅުވީ، އެ ކޮމެންޓްތައް ނުލިބުނަސް ބިލުގެ މަސައްކަތް ކުރިއަށް ގެންދަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެއަށްފަހު އެ އިދާރާ ތަކުގެ ކޮމެންޓްތައް ލިބުމުން އެ ކޮމެންޓް ތަކަށް ބަލައި، ބިލުގައި ހިމެނޭ އެ މާއްދާ އަކަށް ފަހުން ބަދަލު ގެނެސް ބިލް ނިންމާލެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭރުން ކޮމިޓީގެ ވަގުތުވެސް ސަލާމަތް ކުރެވޭނެ ކަމަށެވެ.

ނަމަވެސް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަ ފޫރު މޫސާ ވިދާޅުވީ، އެ އިދާރާތަކުގެ ކޮމެންޓްތައް ލިބުމުން އެ ކޮމެންޓް ތަކާއެކު މުޅި ބިލުގެ މަސައްކަތް އަންނަ ހޯމަ ދުވަހު އެކީ އެއްފަހަރާ ފެށުން މުހިއްމު ކަަމަށެވެ.

އެދެ ބޭފުޅުންގެ ހުށަހެޅުއްވުުގެ ތެރެއިން ތާއީދު ލިބުނީ ޣަފޫރުގެ ހުށަހެޅުއްވުމަށެވެ. އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީން ވަނީ އެގޮތަށް ކުރިއަށް ދިއުމަށް ފާސް ކޮށްފައެވެ. އެހިސާބުން ކޮމިޓީ ބައްދަލުވުން ވަނީ ނިންމާލައިފައެވެ.

ދައުލަތުގެ ފިޒިކަލް ޒިންމާގެ ބިލްގެ އިތުރުން ކުރިއަށް ނުގެންދެވި މާލިއްޔަތު ކޮމިޓީގައި ދެން އޮތީ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލާއި ދައުލަތުގެ ދަރަންޏާބެހޭ ބިލެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *