ޑރ ޝަހީމްގެ ދިފާއުގައި ޝާހިދު: ސިޔާސީ އޮއިވަރުގައި ޖެހި އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެލުމަކީ ތަހުޒީބީ އިންސާނުން ކުރާނެ ކަމެއްނޫން

ޑރ ޝަހީމްގެ ދިފާއުގައި ޝާހިދު: ސިޔާސީ އޮއިވަރުގައި ޖެހި އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެލުމަކީ ތަހުޒީބީ އިންސާނުން ކުރާނެ ކަމެއްނޫން

މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙަންމަދު ޝަހީމް އަލީ ސައީދުގެ އަގު ވައްޓާލުމަށްޓަކައި މިހާރު ސޯޝަލް މީޑިޔާގައި، އެމަނިކުފާނުގެ ޕީއެޗްޑީއާއި ގުޅުވައިގެންނާއި އެކިއެކި ތުމަތު އަޅުވައި ދައުރު ކުރަމުންދާ ފޭކް ވީޑިޔޯތަކާއި ގުޅުވައިގެން، ޑރ. ޝަހީމްގެ ދިފާއުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވައިފިއެވެ.

ޝާހިދު ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ މީހަކީވެސް އިންސާނީ ކަރާމާތެއް އޮންނާނެ މީހެއް ކަމަށާއި، ކޮންމެ މީހެއްގެވެސް ޢާއިލާއެއް އޮންނާނެ ކަމަށެވެ. އަދި މައިންބަފައިންނާއި، ފިރިންނާއި، އަނބިން އަދި އަނބިދަރިން ތިބޭނެ ކަމަށެވެ.

ނަމަވެސް، ސިޔާސީ އޮއިވަރުގައި ނުވަތަ ޖަޒުބާތާއި ނަފްރަތުގައި ޖެހި އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލުމަށް ޙަޤީޤަތާ ޚިލާފު ވާހަކަތައް އުފައްދައި، ފެތުރުމަކީ ތަހުޒީބީ އިންސާނަކު ކުރާނެ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.

‏"ޑރ.މުޙަންމަދު ޝަހީމް ޢަލީ ސަޢީދުގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިޔޯ އުފެއްދުމަކީ ނާތަހުޒީބު ޢަމަލެއް. އަދި ހަމަ އެފަދައިން އެކި ފަރާތްތަކުގެ އަބުރު ކަތިލުމަށް ޙަޤީގަތާއި ޚިލާފު ދޮގު ވާހަކަ ފެތުރުމަކީވެސް ބަލައިގަނެވިގެންވާނެ ކަންކަމެއް ނޫން. މިފަދަ ޢަމަލުތައް ކުށްވެރި ކުރުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން އެބަޖެހޭ. އަމިއްލަ މަންފާއަށްޓަކައި ވަކި ބަޔަކު މުޅި މުޖުތަމަޢުގެ ފޭރާން ވީދާ ޚަރާބު ކުރާއިރު އެކަމާއި ދެކޮޅަށް ބަސް ނުބުނެ ތިބެގެން ނުވާނެ. މިފަދަ ނުބައި ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން" ޝާހިދު ވިދާޅުވިއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރައީސް ކަމުގައި ހުންނަވައި، ސަރުކާރު ހިންގާ ޕާޓީގެ ވަޒީރެއްގެ ދިފާއުގައި މިގޮތަށް ވާހަކަ ދެއްކުމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ގިނަބަޔަކު އަންނަނީ ޝާހިދަށް ތައުރީފުކޮށް ޝުކުރު އަދާ ކުރަމުންނެވެ. ބަޔެއް މީހުން ބުނެފައި ވަނީ މިއީ މިޒަމާނުގައި އިދިކޮޅު ޕާޓީގެ ރައީސަކަށް ހުންނަ ބޭފުޅެއްގެ ކިބައިން ނުފެންނަވަރުގެ ރީތި ސިފައެއް ކަމަށެވެ. އަދި އެފަދަ ހިތްވަރު އެހެން ލީޑަރުންގެ ކިބައިގައިވެސް ހުންނަން ވާނެކަމަށެވެ. އަދި މިއީ ވީދެމުންދާ އިޖުތިމާއީ ފޭރާން އަލުން ރަނގަޅު ކުރުމަށް ހުރިހާ ސިޔާސީ މީހުންވެސް މަސައްކަތް ކުރަންޖެހޭ ވަގުތެއް ކަމަށް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *