??????

ޤާނޫނު އަސާސީއަށް އެހާ ފަސޭހައިން ބަދަލު ގެނައުމުގެ ބާރު މަޖިލީހަށް އޮތުން ރަނގަޅެއް ނޫން، ބަދަލު ކުރަންޖެހޭ: ގާސިމް

ޤާނޫނު އަސާސީއަށް އެހާ ފަސޭހައިން ބަދަލު ގެނައުމުގެ ބާރު މަޖިލީހަށް އޮތުން ރަނގަޅެއް ނޫން، ބަދަލު ކުރަންޖެހޭ: ގާސިމް

ޤާނޫނު އަސާސީ އިސްލާހު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް މިހާރު ލިބިފައިވާ ހުރިހާ ބާރު ތަކެއް އެގޮތުގައި އޮތުން ރަނގަޅު ނޫން ކަމަށާއި އެކަމަށް ބަދަލު އަންނަން ޖެހޭ ކަމަށް ޤާނޫނުއ ަސާސީ އިސްލާހު ކުރި ޚާއްސަ މަޖިލީހުގެ ރައީސް އަދި މާމިގިލީ ދާއިރާގެ މިހާރުގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅު ވެއްޖެއެވެ.

މިހާރު އަމަލު ކުރަމުންދާ ފެހި ޤާނޫނު އަސާސީ އެކުލަވައިލުމުގެ މަސައްކަތް ރައްޔިތުންގެ ހާއްސަ މަޖިލީހުން ފެށީ 2004 ވަނަ އަހަރުއެވެ. އެ މަސައްކަތް ނިންމާލުމަށްފަހު، އެ ޤާނޫނު އަސާސީ ތަސްދީގު ކޮށްފައި ވަނީ 7 އޯގަސްޓް 2008ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމެވެ.

ރައީސް މައުމޫނަށް ސިޔާސީ ގޮތުން ކުރިމަތިވެވޑައިގެންނެވި ޕްރެޝަރު ތަކާއި ގުޅިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޑިމޮކްރެޓިކް ނިޒާމަށް ބަދަލު ކުރުމަށްޓަކައި އެމަނިކުފާނު އިއުލާން ކުރެއްވި އިސްލާހީ އެޖެންޑާގެ ދަށުން، އޭރު އޮތް ނޫ ޤާނޫނު އަސާސީ އިސްލާހު ކުރަން އެއްކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރެއްގެ ގޮތުން އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ގާސިމް އިބްރާހީމެވެ. އޭރު ޤާނޫނު އަސާސީގައި އޮންނަ ގޮތުން ޤާނޫނު އަސާސީ އިސްލާހު ކުރަން ރައްޔިތުންގެ ހާއްްސަ މަޖިލިސް އެއްކުރަން ޖެހެއެވެ. އެނޫން ގޮތަކަށް ޤާނޫނު އަސާސީއަށް ބަދަލެއް ނުގެނެވޭނެއެވެ.

ނަމަވެސް އެންމެ ފަހުން ބޭއްވި ހާއްސަ މަޖިލީހުން ފާސްކުރި ފެހި ޤާނޫނު އަސާސީގައި، ފަސޭހައިން ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ ހުރިހާ ބާރެއް ވަނީ އޭރަކު އޮންނަ ރައްޔިތުންގެ މަޖިލީހަށް ދީފައެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ޤާނޫނު އަސާސީއަށް އިސްލާހު ގެވެނޭނެ ކަމަށް މިހާުރު އޮތް ޤާނޫނު އަސާސީގައި ވަނީ ކަނޑައަޅައިފައެވެ.

ފެހި ޤާނޫނު އަސާސީއަށް އަމަލު ކުރަން ފެށިތާ މިއަދަށް 16 އަހަރު ވެފައިވާއިރު، އެކަން ފާހަގަ ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ހާއްސަ މަޖިލީހުން ޤާނޫނު އަސާސީ އިސްލާހު ކުރިއިރު އޮންނަނީ އެހާ ފަސޭހައިން ޤާނޫނު އަސާސީ ބަދަލު ކުރެވޭ ގޮތަށް ނޫން ކަމަށެވެ.

"ޤާނޫނަކަށް ބަދަލު ގެނެވޭ ގޮތަށް، ޤާނޫނު އަސާސީއާ ނުކުޅެވޭ ގޮތަށް އޭރު އޮންނަނީ. އާދެ ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކޮށްގެން އެކަން ކުރެވެނީ، އެގޮތަށް އެކަން އޮތުމުގެ މުހިއްމުކަން އަޅުގަނޑުގެ ހަނދާނަން އަންނަނީ. އެހެންނޫނިއްޔާ ވަރަށް ފަސޭހައިން 75 ޕަސެންޓުން މަޖިލީހުގައި ތިބި މެންބަރުންގެ އަދަދުން ލިބޭ ވޯޓަކުން ޤާނޫނު އަސާސީ ބަދަލު ކުރެވޭ ކަމަށްވަންޏާ އޭގަހުރި ނުރަނގަޅު ކަންތައްތަކެއްވެސް އަތުވެދާނެ ކަމާމެދު ވިސްނާލަން ޖެހޭނެ،" ޤާސިމް ވިދާޅުވިއެވެ.

ނަމަވެސް ގާސިމް ވިދާޅުވީ ހާއްސަ މަޖިލިސް އެއްކޮށްގެން ޤާނޫނު އަސާސީ އިސްލާހު ކުރާ ގޮތަށް އޮތުމުން، އެކަން ކުރުމަށްޓަކައި އަޅަން އޮތް ފިޔަވަޅުތަކާއި ގިރާކުރަން ހުރި ހަރުފަތްތައް ގިނަކަމުން އެހާ ފަސޭހައިން އެކަން ނުކުރެވޭނެ ކަމަށެވެ.

"ގާނޫނު އަސާސީ އިސްލާހު ކުރުމަށްޓަކައި މަޖިލީހަށް މިހާރު ލިބފައިވާ ހުރިހާ ބާރު ތަކެއް  އެގޮތަށް އޮތުމުގެ ބަދަލުގައި ކޮންމެވެސް ކަހަލަ މެކެނިޒަމެއް އެބަލާންޖެހޭ،" ގާސިމް ވިދާޅުވިއެވެ.

އެހާ ފަސޭހައިން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު މަޖިލީހަށް އޮތުމުން ދިމާވެދާނެ މައްސަލަތައް ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ލިބިގެން އަންނަ ބޭފުޅަކަށް ޤާނޫނު އަސާސީ މުޅިން  ބަދަލު ކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެގޮތަށް މަޖިލީހުގެ 75 ޕަސެންޓް މެޖޯރިޓީ ލިބުމުން ޤާނޫނު އަސާސީ މުޅީން ބަދަލު ކޮށްލުން ނުވަތަ، ބަދަލު ތަކެއްް ގެންނައިރު، އެ ބަދަލު ތަކަކީ ރައްޔިތުންގެ މެޖޯރިޓީ ބޭނުން ނުވާގޮތް ކަމަށްވެސް ވެދާނެ ކަމަށާއި، އެެހެން ކަމުން ކުރިން އޮތް އުސޫލުގެ މުހިއްމު ކަމުގެ މައްޗަށް ވިސްނާލުން ރަނގަޅު ކަމަށްވެސް ވިދާޅުވިއެވެ.

"އެހާ ފަސޭހަ މެކެނިޒަމެއް އޮތުމަކީ ކަނޑައެޅިގެން ބައެއްގެ ވިސްނުމަށް އަންނަ ޚިޔާލާތެއްގެ ސަބަބުން،  ޤާނޫނު އަސާސީގައި ހުރި ފަންޑަ މެންޓަލް ރައިޓްސް ތަކެއްވެސް ނުވަތަ އަޅުގަނޑުމެންގެ އިސްލާމް ދީނުގައި ކަނޑައަޅާފައި ހުރި، ޤާނޫނު އަސާސީގެ ނުވަ ވަނަ މާއްދާ އާއި 10 ވަނަ މާއްދާގެ އަކުރުތަކާ އެކީ ހުރި ކަންތައްތަކެށްވެސް ބަދަލު ތަކެއް ގެނެސް ފާނެތީ، އޭގެ ތެރޭގައި ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި މިބުނަނީ އަޅުގަނޑުމެންނަކީ އިސްލާމުންނޭ، އަޅުގަނޑުމެންގެ ދީނަކީ އިސްލާމް ދީނޭ، އިސްލާމްރީނާ ޚިލާފު އެއްވެސް ޤާނޫނެއް ހަދައިގެން ނުވާނެއޭ،" ގާސިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހަށް ލިބިދޭ ބާރުގެ ދަށުން މިހާތަނަށް ޤާނޫނު އަސާސީއަށް މަޖިލީހުން ގެނައި އިސްލާހު ތަކަށް ވެގެން ދިޔަގޮތްވެސް ގާސިމްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. އެގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ކުރިން އޮތް ގޮތަށް އަނެއްކާ ބަދަލު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން ޤާނޫނު އަސާސީ ބަދަލު ކުރެވުނު، އިސްލާހު ތަކެއް ވެސް ގެނެވުނު، ގެނައުމަށް ފަހުގައި އަލުން އެކަންތައްތައް ރުޖޫއަވެސް ވެއްޖެ، އެހެން ނަމަވެސް ގެނައި އެއް އިސްލާހު އެބައޮވޭ ބަދަލު ކުރި ގޮތަށް، އެއީ ކައުންސިލް ތަކުގެ އިންތިހާބު ތިން އަހަރު ދުވަހަށް އޮވެފައި، މިހާރު ފަސް އަހަރުގެ މުއްދަތަށް ކުރި އިސްލާހު، އެހެން އިސްލާހުތައް އަސްލު ނިންމި ގޮތަށް މިހާރުވެސް މިއޮތީ، އެހެންވީމާ 16 އަހަރު ދުވަހުގެ ތެރޭގައި އެންމެ އިސްލާހެއް ޤާނޫނު އަސާސީއަށް މިއައީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ފެހި ޤާނޫނު އަސާސީއަށް 16 އަހަރު ވެފައިވާއިރު، މިއަދަކީ ފަންޑަމެންޓަލް ރައިޓްސް ލިބި، ބާރުތައް ވަކި ކުރެވިގެން ދިއުމާއި އަޅުގަނޑުމެން ކުރިމަގަށް ދިއުމާއެކު، ޑިމޮކްރެޓިކް އުސޫލު ތަކަށް މަގުފަހި ވެގެންދިޔަ ޤާނޫނު އަސާސީ، އޭރުގެ ރައިސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުއްގައްޔޫމު ތަސްދީގު ކުރެއްވި ދުވަސް ކަން ހަނދާނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި އެ މަސައްކަތް ތަކުގައި ބައިވެރިވި، ހާއްސަ މަޖިލީހުގެ މަސައްކަތް ތަކުގައި އުޅުއްވި ހުރިހާ ފަރާތް ތަކަކާއި ހާއްސަ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ގާސިމް ވަނީ ޝުުކުރު އަދާކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *