ކައުންސިލް ތަކުގެ ބައި އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވަންޖެހޭ ގޮތަށް ފާސްކޮށްފި

ކައުންސިލް ތަކުގެ ބައި އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވަންޖެހޭ ގޮތަށް ފާސްކޮށްފި

ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ރަށު ކައުންސިލް ތަކުގެ ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވަންޖެހޭ ގޮތަށް ޤާނޫނު ބަދަލުކޮށް މަޖިލީހުން ފާސް ކޮށްފިއެވެ.

ޤާނޫނުގައި މިހާރު އޮންނަނީ ކައުންސިލް ތަކުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހެނީ އެ މަގާމެއް ހުސްވާތާ ދެ މަސް ދުވަސް (60 ދުވަސް)ގެ ތެރޭގައި ކަމަށެވެ. އެހެން ކަމުން ބައި- އިލެކްޝަންތައް ކައިރި ކައިރީގައި ބާއްވަން ޖެހުމުން އެކަމަށް ކުރަންޖެހޭ ހަރަދު ބޮޑުވެ، ކުރަންޖެހޭ މަސައްކަތް އިތުރުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އަންނަނީ އެކަން މަޖިލީހުގެ ސަމާލު ކަމަށް ގެންނަމުންނެވެ.

ކައުންސިލް ތަކުގެ ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވަންޖެހޭ ގޮތް ހެދުމަށްޓަކައި ސަރުކާރުން މަޖިލީހަށްދެ ބިލެއް ހުށަހެޅިއެވެ. އެއީ ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މީގެތެރެއިން ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގެ ޤާނޫނަށް ގެނައި އިސްލާހުގައި ބުނަނީ، ލޯކަލް ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިހާބު ކުރަން ބާއްވާ ބައި އިލެކްޝަން ބާއްވަން ވާނީ، އަހަރަކު ދެ ފަހަރު ކަމަށެވެ.

އެގޮތަށް ބާއްްވާ ދެ ބައި އިލެކްޝަންގެ ދެމެދު 183 ދުވަހަށްވުރެން ދިގު މުއްދަތެއް އަދި 120 ދުވަހަށްވުރެން ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ، ކައުންސިލެއްގެ ގޮނޑިއެއް ހުސްވާއިރު ދައުރު ނިމެން އޮންނަ މުއްދަތު އަހަރެއް، ނުވަތަ އެއަށް ވުރެ ކުރު ނަމަ ބައި އިލެކްޝަން ބޭއްވުން ލާޒިމު ނޫން ކަމަށެވެ.

ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމު ހުސްވާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ ކަމަށާއި، ކައުންސިލްގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ 30 ދުވަސް ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވާއިރު، ރައީސް ނުވަތަ މޭޔަރުގެ މަގާމުވެސް ހުސްވެފައިވާ ނަމަ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށާއި، މެންބަރެއްގެ ގޮނޑި ހުސްވުމުގެ ސަބަބުން ޖަލްސާ ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަ ނުވާ ނަމަ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *