ރަށްރަށުގެ ހެލްތް ސެންޓަރުތައް ގިނައިރު ހުޅުވާފައި ބެހެއްޓުމަށްވުރެ ޑޮކްޓަރުންނާއި ނަރުހުން ތިބެންވީ ސްޓޭންޑްބައިގަ: ޚަލީލް

ރަށްރަށުގެ ހެލްތް ސެންޓަރުތައް ގިނައިރު ހުޅުވާފައި ބެހެއްޓުމަށްވުރެ ޑޮކްޓަރުންނާއި ނަރުހުން ތިބެންވީ ސްޓޭންޑްބައިގަ: ޚަލީލް

ސިއްހީ ޚިދުމަތް ދިނުމަށް، ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތައް ހުޅުވައިފަ ހުންނަ ވަގުތު އިތުރު ކުރުމަށް ވުރެން ބޮޑަށް އިސްކަން ދެނީ، މީހަކު އެޓެންޑް ވެގެން ހިދުމަތް ދިނުމުގެ ވަގުތުތައް އިތުރު ކުރެއްވުމަށް ކަމަށް ހެލްތު މިނިސްޓަރު ޑރ.އަބުދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޚަލީލު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މިނިސްޓަރުންނާ ސުވާލު ކުރެއްވުމުގެ ވަގުތުގައި، ހުރާ ދާއިރާގެ މެންބަރު ޑރ. އަރާނާ ނައީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން ޑރ. އަނާރާ ވިދާޅުވީ، ހުރާ ދާއިގައި ހިމެނޭ، ހުރާ ހިއްމަފުށީ، ގުޅި، ހިމެނޭ ސަރަހައްދަކީ ވަރަށް ގިނަ ރިސޯޓުތަކާއި ޑައިވިން ޕޮއިންޓްތައް ހުންނަ ސަރައްދެއް ކަމަށެވެ. އެހެން ކަމުން ސިއްހީ ޚިދުމަތް ލިބިގަތުމަށް އެކި ގަޑި ތަކުގައި ގިނަ ފަތުރުވެރިންނާއި ރައްޔިތުން އަންނައިރު، 24 ގަޑިއިރަށް އެތަންތަނުގެ ހެލްތް ސެންޓަރު ތަކުން ޚިދުމަތް ލިބޭނީ ކޮން އިރަކުންތޯއެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޚަލީލު ވިދާޅުވީ، ރައްޔިތަކު ބަލިވެގެން އަންނަ ހާލަތެއްގައި ފަސޭހައިން  އެޓެންޑް ވެވޭނެ ނިޒާމެއް ގާއިމް ކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެން ބޮޑަށް މި ބަލަނީ ހުޅުވާފައި ހުންނަ ވަގުތަށް ވުރެން ބޮޑަށް ޚިދުމަތް ދިނުމުގެ ވަގުތުތައް އިތުރު ކުރުމަށް، އެތަން ހުޅުވިފައި ނެތް ކަމުގައި ވިޔަސް އެޓެންޑުވާނެ މީހަކު އަޅުގަނޑުމެނަށް ކަނޑައެޅިއްޖިއްޔާ، އެ ޕްރޮސެސް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން، ރައްޔިތަކު ބަލިވެގެން އަންނަ ހާލަތެއްގައި ފަސޭހައިން އެޓެންޑް ވެވޭނެ ނިޒާމެއް ގާއިމް ކުރުމަށް، އޭގެ މާނައަކީ ޑޮކްޓަރުން މިހާރަށް ވުރެން ސަމާލުވުން، ނަރުހުން ސަމާލުވުން، ސްޓޭންޑް ބައިގައި ތިބެވޭނެ ކޮންމެސް ކަހަލަ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މަސައްކަތް ކުރަމުން އެބަގެންދަން މިހާރު،" ޚަލީލު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މާލެ އަތޮޅާއި ވ. އަތޮޅާއި އއ. އަތޮޅަކީ، ޓޫރިޒަމް ވަރަށްބޮޑަށް ފުޅާވަމުންދާ ތަންތަން ކަމަށެވެ.

"ހާއްސަކޮށް އެތަންތަނުގައި ލޯކަލް ޓޫރިޒަމް ފުޅާވަމުން ދާތީއާއެކު އެތަންތަނުގެ ރަށްރަށުގެ ބައެއް ޚިދުމަތްތައް ފުޅާ ކުރުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން، އޭގެ ތެރޭގައި އާބާދީ އާއި ރަށަށް އަރާފައިބާ ނިސްބަތަށް ބަލައިފަ އެތަނަކުން ބަލިމީހުން ދެއްކޭ ނިސްބަތަށް ބަލައި އެތަން ތަނުގައި ލެބޯޓްރީ އާއި އެމެެޖެންސީ ކެއާގެ މަައްކަތްތައް ގާއިމް ކުރެވޭނީ،"  ޚަލީލު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި، ބައެއް ރަށްރަށުގައި އެމެޖެންސީ ކެއާރގެ މަަސައްކަތް ފުޅާ ކުރަމުން ގެންދާނެ ކަމަށެވެ. އެއީ ރާއްޖޭގެ ގިނަ ރަށްރަށުގައި އޮޕަރޭޝަން ތިއޭޓަރު ހަދައިގެން ކަންކަން ކުރުމަކީ ދައުލަތަށް ނުބައްދަލު، އަދި ހިދުމަތް ދިނުމަށް އުނދަގޫ ކަންތައްތައް ހުރުމުން ކަމަށްވެސް ވިދާޅުވިއެވެ.

ހާއްސަކޮށް މާލެއާ ކައިރި ސަރަހައްދު ތަކުގައި ރަނގަޅު ފެންވަރަކަށް ހިދުމަތްދޭ މަރުކަޒަކަށް އެމީހަކު ޓްރާންސްފާ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ބައެއް ޑިޒައިންތައް ބަދަލު ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *