ނަޝީދަށް ދިން ބޮމުގެ ހަމަލާ ސަރުކާރުގެ ސަމާލު ކަމަށް އަލުން ގެންނަން ނިންމައިފި

ނަޝީދަށް ދިން ބޮމުގެ ހަމަލާ ސަރުކާރުގެ ސަމާލު ކަމަށް އަލުން ގެންނަން ނިންމައިފި

2022 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށްފަހު، ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ރިޕޯޓްގައި ހިމެނޭ ރެކޮމެންޑޭޝަން ތަކަށް މިހާރު އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސަމާލު ކަމަށް އަލުން ގެނައުމަށް މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލަ ބަލައި، އެ ކަމާބެހޭ ރިޕޯޓު އެކުލަވައިލީ ކުރީގައި އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީންނެވެ.

މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވިދާޅުވީ މެއި ހައެއްގެ ހަމަލާގެ މައްސަލަބަލައި ކޮމިޓީން އެކުލަވައިލި ސިއްރު ރިޕޯޓުގައި އެ ހަމަލާއާގުޅޭ އެެއްގޯހަކީ، އެ ހަމަލާ ހުއްޓުވުމުގެ ސަލާމަތީ ކަންތައްތައް ވިލަރެސް ކުރެވިފައި ނެތުން ހިމެނޭ ކަމަށެވެ.

އެހެން ކަމުން އެ ކަންތައްތައް މި ސަރުކާރުގެ މަސްއޫލުވެރިންގެ ސަމާލު ކަމަށް ގެންނަން ކޮމިޓީގައި މަޝްވަރާ ކޮށްފައި ވާތީ، އެކަން އޮތް ގޮތް ބެއްލެވުމަށް ނާޒިމް ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އެކަންތައް އޮތް ހިސާބު އޮޅުން ފިލުއްވައި ދެއްވަމުން ސަލީމް ވިދާޅުވީ، އެކަމަށް ބޭނުންވާ ސިޓީ މިހާރު ލިޔެފައިވާ ކަމަށާއި ކަމާބެހޭ ފަރާތް ތަކަށް އެސިޓީ މިއަދު ފޮނުއްވާނެ ކަމަށެވެ. ނަމަވެސް އެސިޓީގައި ހިމަނާފައިވާ ކަންތައްތަކާބެހޭ އިތުރު ތަފްސީލެއް ސަލީމް ނުދެއްވައެވެ.

ނަޝީދަށް ދިން ހަމަލާގެ މައްސަލަ މައްސަލަ ބެލުމަށްފަހު 241 ކޮމިޓީން އެކުލަވައިލި އިންކުއަރީ ރިޕޯޓުގައި 45 ރެކޮމެންޑޭޝަނެއް ހިމަނާފައިވެއެވެ. އޭގެތެރޭގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ 6 ރެކޮމެންޑޭޝަން ހިމެނެއެވެ.

މަހެއްހާ ދުވަހުގެ މަސައްކަތުން ނިންމާލި އެ ރިޕޯޓުން އާންމު ކޮށްފައި ވަނީ 271 ސޮފުހާއެވެ. އެ ރިޕޯޓުގައި ބޮޑެތި ތުހުމަތު ތަކަކާއި ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ބޮޑެތި އިހުމާލު ތަކެއް ހުރި ކަމަށް ފާހަގަ ކޮށްފައިވެއެވެ. އަދި އޭރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ފުރިހަމައަށް މަސްއޫލިއްޔަތު އަދާކުރައްވާފައި ނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން 6 މެއި 2021 ވަނަ އަހަރުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދީފައި ވަނީ، އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. މި ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް ރޭޒާ ފުއްތަކެއް އަރައި، ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް ވަނީ ރާއްޖޭންނާއި ރާއްޖޭން ބޭރުން ފަރުވާ ހޯއްދަވައިފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން މެއި 6 ގެ ބޮމުގެ ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ކުށް ސާބިތުވެ، އަހުމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. މީގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވެއެވެ. އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ވެސް ދަނީ ދައުވާ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *