ކުރިއަށް އޮތް 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް 206 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް ހުށަހަޅާފައި ވާތީ، އެކަމާބެހޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި، މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ
މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް ހުށަހެޅުއްވީ، ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީއެވެ. އެ ހުށަހެޅުމާ އެއްގޮތަށް ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް މެންބަރުން ވޯޓު ދެއްވައިގެން ފާސް ކުރިއެވެ.
އެހެން މުއައްސަސާތަކާ ހިލާފަށް މަޖިލީހުގެ ބަޖެޓް ފާސް ކުރަން ޖެހެނީ މަޖިލީހުގެ އާއްމު ކޮމިޓީއަށް ހުށަހަޅައިގެންނެވެ. އެކަން އޮންނަނީ އާއްމު ކޮމިޓީން ފާސް ކުރުމަށްފަހު ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިގެން ފާސް ކުރާއިރު ދައުލަތުގެ ބަޖެޓުގައި ހިމަނާ ގޮތަށެވެ.
އަންނަ 2025 ވަނަ އަހަރަށް މަޖިލީހަށް ބޭނުންވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާއްމު ކޮމިޓީއަށް ހުށަހެޅި ބަޖެޓުގައި ކެޕިޓަލް ހަރަދަަށް ވަނީ 2.4 މިލިއަން ރުފިޔާ ހިމަނައިފައެވެ. ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން 5.2 މިލިއަން ހިމެނޭއިރު، އޭގެތެރޭގައި 10 އަހަރު ދުވަސް ވެފައިވާ މަޖިލިސް އިދާރާގެ ކެމެރާ ސިސްޓަމް ޒަމާނީކުރަން އެއް މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ބަޖެޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ ހަރަދަށްވެސް 4.5 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. މީގެއިތުރުން މަޖިލިސް އިދާރާގެ އާ އިމާރާތުގައި ފަޔާ ސިސްޓަމް ގާއިމު ކުރުމަށާއި، މަޖިލިސް އިދާރާގެ ފާހާނާތަކާއި ޓެރަސްއާއި އެކި ތަންތަނުގެ މަރާމާތަށްވެސް ވަނީ ފައިސާ ހިމަނައިފައެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި އެއްވެސް މުވައްޒަފެއްްގެ މުސާރަ ބޮޑު ކުރަން ނުވަތަ މަޖިލިސް އިދާރާއަށް އިތުރު މުވައްޒަފެއް ނެގުމަށް ހިމަނާފައެއް ނުވެއެވެ.
މަޖިލިސް އިދާރާއިން ބުނީ، އަންނަ އަހަރަށް ބޭނުންވެގެން 206 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވީ ނަމަވެސް، އެކަމަށް ފިނޭންސް މިނިސްޓްރީން ދީފައި ވަނީ 180 މިލިއަން ރުފިޔާއާ ހަމަައަށް އޮތް ސީލިންއެއް ކަމަށެވެ. ނަމަވެސް އެއީ މިހާރު މަޖިލީހުގައި ކުރަމުންދާ ހަރަދު ބެލެހެއްޓޭނެ ވަރުވާނެ އަދަދެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
ކޮމިޓީން ނިންމާފައި ވަނީ މަޖިލީހުގެ ބަޖެޓާ ބެހޭގޮތުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމަށެވެ.