މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މާނު ރާއްޖެ ވަޑައިގަތުމާއެކު ޕާސްޕޯޓް ހިފަހައްޓައިފި

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މާނު ރާއްޖެ ވަޑައިގަތުމާއެކު ޕާސްޕޯޓް ހިފަހައްޓައިފި

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މައުމޫން (ގޭސް މާނު) އެނބުރި ވަޑައިގަތުމާއެކު ފުރުން މަނާކޮށް، ކަމާބެހޭ އިދާރާ ތަކުގައި އޮތް އޭނާގެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފިއެވެ.

މާނު ރާއްޖެ ވަޑައިގަތީ މިއަދުއެވެ. އެއާއެކު އޭނާގެ ޕާސްޕޯޓް މިހާރު ވަނީ ހިފަހައްޓައިފައެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާކަން އެ އިދާރާއިން ކަށަވަރު ކޮށްދެއެވެ.

ޔާމީންގެ ވެރިކަން ނިމުމާއެކު މާނު ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރައްވައިފައެވެ. އޭނާ ފުރާވަޑައިގަތީ ބޮޑެތި ތުހުމަތު ތަކަކާއެކު މައްސަލަ ތަކެއް އޭސީސީއަށް ހުށަހަޅާފައި އޮތުމުން ފުރުން މަނާ ކުރުމުގެ އަމުރަކަށް އެ ކޮމިޝަނުން ކޯޓުގައި އެދިފައި އޮއްވައެވެ.

ނަމަވެސް އޭސީސީން ތަހުގީގު ނިންމައި މާނުގެ މައްޗަށް ދައުވާ އުފުލައިދޭން އެދި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ. އަދި އެ މައްސަލަތައް ބެލުމަށްފަހު މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މާނުގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލިއެވެ.

މާނުގެ މައްޗަށް އޭސީސީން ދައުވާ ކޮށްދޭން އެދުނީ ގޭހުގެ އެމްޑީގެ މަގާމުގައި ހުންނެވިއިރު، އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މާނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38ރ. ނެގި ކަމަށް ތުހުމަތުވާ މައްސަލައިގައެވެ.

އެ މައްސަލައިގައި މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.

އަދި މި މައްސަލައިގައި ހިމެނޭ 3,106,189 ރުފިޔާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ ނިންމައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *