އާރުޑީސީގެ ފަރާތުން ހިންގި އަމީނީ މަގުގައި ތާރު އެޅުމުގެ ޕްރޮޖެކްޓުގެ ތެރެއިން

އާރުޑީސީގެ ޚިޔާނާތާއި ގުޅިގެން ކުންފުނީގެ އިސްވެރިން މަޖިލީހަށް ހާޒިރު ކުރަނީ

އާރުޑީސީގެ ޚިޔާނާތާއި ގުޅިގެން ކުންފުނީގެ އިސްވެރިން މަޖިލީހަށް ހާޒިރު ކުރަނީ

ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޚިޔާނާތް ބަލަން އެ ކުންފުނީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ހާޒިރު ކުރަން ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުގައި، އެ ކުންފުނީގެ ވެރިން ކޮމިޓީއަށް ހާޒިރު ކުރަން ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. މައްސަލަ ހުށަޅުއްވަމުން މެންބަރު ދީދީ ވިދާޅުވީ، އާރުޑީސީން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަ ކަންބޮޑުވުމާއެކު ރައްޔިތުން ދައްކަމުންދާ ކަމަށެވެ. އެހެެން ކަމުން އެކަންތައްތައް ކޮމިޓީން އޮޅުން ފިލުވަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ދީދީ ހުށަހެޅުއްވީ ވީހާ އަވަހަކަށް އެ ކުންފުނީގެ އިސް ފަރާތްތައް ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

އޭނާގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަފްއެވެ. އެގޮތަށް ފާސްކޮށް، ވީ އެންމެ އަވަހަކަށް، އާރުޑީސީގެ އިސް ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީން ނިންމިއެވެ.

އެސްއޯއީ ކޮމިޓީއަށް އާރުޑީސީގެ އިސް ބޭފުޅުން ހާޒިރު ކުރަން ނިންމާފައި ވާއިރު، އެކުންފުނީގެ ޚިޔާނާތާއި ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުން އެ ޚިޔާނާތުގައި ބައިވެރިވި ފަރާތްތައް އެނގޭ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.

ހުސްވި ޖުލައި މަހުގެ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުގައި ވަރަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށެވެ. އެ މައްސަލައާބެހޭ ބައެއް މައުލޫމާތު ހާމަ ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ

ޝާމިލް ވިދާޅުވީ އެ ޚިޔާނާތުގައި ބައިވެރިވާ ފަރާތް ތަކުގެ އިތުރުން، ޚިޔާނާތުގެ ފައިސާ ޚަރަދު ކޮށްފައިވާ ގޮތްވެސް މިހާރު އެނގޭ ކަމަށެވެ. އަދި އެ ފައިސާ ޚަރަދު ކުރުމާއި އެ ކޮމިޝަނުން ކުރިއަށް ގެންދާ އެހެން ތަހުގީގަކާ ގުޅުން ހުރުމުން އެ މައުލޫމާތުތައް ހާމަ ކުރެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

20222 ވަނަ އަހަރު ހިންގި އެ ޚިޔާނާތުގެ ތެރެއިން އެ ކުންފުނީގެ ތިން މުވައްޒަފެއްގެ އަމިއްލަ އެކައުންޓު ތަކަށް ޖުމުލަ 14 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *