މާލޭގައި ހިންގި މާރާމާރީއެއްގައި ފަސް ބިދޭސީއަކު ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު މީޑިޔާ ތަކަށް ބުނީ އަސްރަފީ މަގުގައި ބިދޭސީން ތަކެއްގެ މެދުގައި މާރީއެއް ހިންގާފައިވާ ކަމަށް ރޭ 12:33 ގައި ރިޕޯޓު ކުރި ކަމަށެވެ. އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރިއާ ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ އެންމެންވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުން ދޫކޮށްލީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.