އަނަސްގެ މަރަށް 7 އަހަރު ވުމާއެކު އިންސާފަށް އަޑު އުފުލައި މީދޫ އަނދިރި ކޮށްލައިފި

އަނަސްގެ މަރަށް 7 އަހަރު ވުމާއެކު އިންސާފަށް އަޑު އުފުލައި މީދޫ އަނދިރި ކޮށްލައިފި

މާލޭގެ ގްރޫޕަކުން ގޮސް އަނިޔާވެރިކޮށް މަރާލި ރ. މީދޫ / ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރަށް 7 އަހަރު ވުމާއި ގުޅިގެން، އޭނާގެ އުފަން ރަށް ރ. މީދޫ، ރޭ އަނދިރި ކޮށްލައި އިންސާފަށް އެދި އަޑު އުފުލައިފިއެވެ.

އަނަސް މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ ހިންގި މާރާމާރީގައެވެ. މީދޫގައި ރޭ މި ހަރަކާތް ބޭއްވީވެސް އެ ގަޑިއާއި ދިމާކޮށެވެ.

މީދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވި މި ހަރަކާތުން ދައްކައި ދެނީ އަނަސްގެ މަރުގެ ޚަބަރާއެކު، މީގެ 7 އަހަރު ކުރިން، އެ ރޭ އެ ރަށަށް ކުރިމަތިވި ބަނަކަމާއި އަނދިރިކަން ކަމަށާއި އަދި މިއަދުވެސް އިންސާފު ނުލިބި ރައްޔިތުން ތިބީ އެ އަނދިރި ކަމުގައި އެ ހާލަތުގައިކަން ކަމަށް ކައުންސިލުން ބުންޏެވެ.

އަނަސް މަރާލި މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އޭގެތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެ ކުއްޖާގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ޖުވެނައިލް ކޯޓުގައި އެ ކުއްޖާގެ މައްޗަށް އޭރު ކުރި ދައުވާ ސާބިތުނުވާ ކަމަށް 2021 ވަނަ އަހަރު ހުކުމް ކުރުމުން ދައުލަތުން ހަމަ އެ އަހަރު އެ މައްސަލަ ހައިކޯޓަށް ހުށެޅިއެވެ. ހައިކޯޓުން ހުކުމް ކުރީ 1 ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެން ކަމުން 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރިއެވެ.

އޭގެ އިތުރުން އަނަސް މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ދައުވާ ތިން މީހެއްގެ މައްޗަށް ކުރިއެވެ. އޭގެތެރޭގައި ހިމެނެނީ، އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ، މާލެ އާއި އަހުމަދު ޒަޔާން، އަސުރުމާގެ، ޅ. ކުރެންދޫ އަދި އުސްމާން ޝަރީފް، މ. ދިމިޝްގު، މާލެއެވެ.

އަދި ނައިހު އަބްދުﷲ، ނަންނާރިގެ، ލ. ގަން ތުނޑީ އާއި ހަސަން މަހްފޫޒް، ވެސްޓަންވިލާ، ސ. ފޭދޫ އާއި ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746، މާލެ އަދި މުހައްމަދު ޝާޒް، ގުލްފާމުގެ، ތ. ކިނބިދޫގެ މައްޗަށް އެ މައްސަލައާ ގުޅިގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކުރިއެވެ.

 

ދައުލަތުން ވަނީ އެ މީހުންނާ ދެކޮޅަށް ގިނަ އަދަދެއްގެ ސިއްރު ހެކިވެރިންނާއި ފުލުހުންނާއި ކިތާބީ ހެކި ކުރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. ސިއްރު ހެކިވެރިންގެ ތެރޭގައި އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ކުޑަކުދިން ހިމެނެއެވެ.

ފުލުހުންގެ ތެރޭގައި ހިމެނެނީ އަނަސްގެ މަރުގެ މައްސަލައިގައި ފޮރެންސިކް އެވިޑެންސް ހޯދުމަށް މަސައްކަތް ކުރި ފުލުހުންނާއި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ އިތުރުން މައްސަލަ ތަހުގީގު ކުރުމުގައި ބައިވެރިވި ފުލުހުންނެވެ. ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ފޮރެންސިކް އެވިޑެންސް ރިޕޯޓާއި އަނަސްގެ މެޑިކޯ ލީގަލް ރިޕޯޓެވެ. އަދި ވަނީ ސީސީޓީވީ ފޫޓޭޖު ތަކަކާއި އިންޓެލިޖެންސް ރިޕޯޓު ހުށަހަޅައިފައެވެ.

އެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ހުކުމް އިއްވެވި ރައުޔުގައި ގާޒީ އަލީ ނަދީމް ވިދާޅުވެފައި ވަނީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ފޫޓޭޖު ތަކުގައި ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ބުރަދަން ދެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ.

އެގޮތުން އަނަސް މަރާލުގައި ބައިވެރިވި މީހުންނާ ދެކޮޅަށް ހުށަހެޅި ސީސީޓީވީ ފުޓޭޖުން ފެންނަ މީހުންނަކީ އަނަސް މަރާލުގައި ބައިވެރިވި މީހުންކަން ސާފުކޮށް ނޭނގޭ ކަމަށެވެ. ދައުލަތުން ސީސީޓީވީ ފުޓޭޖު ހުށަހެޅީ އަނަސް މަރާލުމަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ލިބޭ މީހުން ވަނުމުން ގަރާޖުގެ އެތެރޭގައި އެވަގުތު ތިބި މީހުން އެކަމަށް އެހީވިކަން ސާބިތު ކުރުމަށެވެ.

ގާޒީ ނަދީމް ވިދާޅުވެފައި ވަނީ އަނަސް މަރާލުމުގައި ބައިވެރިވި ކަމަށް ދައުވާކޮށްފައިވާ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އިތުރު ހެކިތަކުން ވެސް އެ ދައުވާތައް ލިބޭ މީހުން އެކަމުގައި ބައިވެރިވިކަން ސާބިތުނުވާ ކަމަށެވެ. އަދި ދައުލަތުން އެ މީހުންނާ ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަނުވާތީ އެ ހެކިތައް ގަބޫލު ނުކުރެވޭނެ ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ.

އަދި ވިދާޅުވެފައިވަނީ ދައުވާ ލިބޭ މީހުންގެ ކޯލް ރެކޯޑުތަކަކީ ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށްވުމުން އެ ރިޕޯޓަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ. ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އަނަސްގެ މަރުގެ ތަހުގީގީ ރިޕޯޓަކީ ސިއްރުކޮށްފައިވާ އެއްޗަކަށްވުމުން އެ ރިޕޯޓުގައި ހުރި ކަންކަން ދައުވާ ލިބޭ މީހުންނަށް އެނގިފައިނުވާ ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ. އަދި އެ ތަހުގީގީ ރިޕޯޓަކީ ހެކި ވަޒަން ކުރުމުގައި ބުރަދަން ދެވިދާނެ ރިޕޯޓެއް ކަމުގައި ނުބެލެވޭނެ ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ.

މީގެއިތުރުން ގާޒީ ނަދީމް ވިދާޅުވެފައިވަނީ މި މައްސަލައިގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކީ ހެއްކެއް ކަމަށް ރިއާޔަތް ކުރެވިދާނެ ރިޕޯޓެއް ނޫން ކަމަށެވެ. އެ ހުރިހާ ކަމެއް ފާހަގަކުރައްވައި ގާޒީ ނަދީމް ހުކުމް ކުރެއްވީ ދައުލަތުން އެކަށީގެންވާ ހެކި ހުށަހަޅާފައިނުވާތީ އެ ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

އެ މައްސަލަ ދައުލަތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *