ބިދޭސީންގެ ލިމިޓު އުވާލުމުގެ ބިލު 241 ކޮމިޓީއަށް ފޮނުވައިފި

ބިދޭސީންގެ ލިމިޓު އުވާލުމުގެ ބިލު 241 ކޮމިޓީއަށް ފޮނުވައިފި

ރާއްޖޭގެ ވަޒީފާ ތަކަށް އެއް ގައުމަކުން އެންމެ ގިނައިން މީހުން ގެނެވޭނީ 100،000 ހަމައަށް ކަމަށް ޤާނޫނުގައި ކަނޑައަޅާފައި އޮތް ލިމިޓް އުވާލުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލިސް އަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތް ތަކާބެހޭ ކޮމިޓީ، 241 ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

މިއަދުގެ ޖަލްސާގައި މި ބިލް މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 80 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 79 މެންބަރުންގެ އިއްތިފާގުންނެވެ. މިއީ ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ފޮނުވާފައިވާ ބިލެކެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ގެނެވޭނީ 100،000 މީހުން ކަމަށް ވަޒީފާއާބެހޭ ޤާނޫނުގައި މިހާރު ކަނޑައަޅާފައިވާއިރު، ޤާނޫނަށް އިސްލާހު ގެންނަން ފޮނުވާފައިވާ ބިލުގައި އެ ލިމިޓް އުވާލަން ވަނީ ހުށަހަޅައިފައެވެ.

ނަމަވެސް ވަޒީފާ އަދާކުރުމަށްޓަކައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ކަނޑައެޅިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އެގޮތަށް ބިދޭސީން ގެނެވޭ އަދަދު ތަކާއި ދާއިރާތައް ކަނޑައެޅުމުގައި އަހަރެއްގެ ތެރޭގައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާ ތަކާއި އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާއެއް ކަނޑައެޅިދާނެ ކަމަށްވެސް ބުނެފައިވެއެވެ. އެގޮތަށް ކަނޑައެޅުމުގައި އެކިއެކި ސިނާއަތްތަކާއި މަަސައްކަތުގެ ބާވަތަށް އަދި ހުނަރުގެ މިންވަަރަށް ބިނާކޮށް ތަފާތު ގިންތި ތަކަށް ތަފާތު މިންގަނޑުތަކެއް ކަނޑައެޅިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެގޮތަށް ކަނޑައަޅަން ވާނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި، ހަދާ އެސެސްމެންޓަށް ފަހު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ކަމަށްވެސް ބުނެފައިވެއެވެ.

އެ އެސެސްމެންޓްގައި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ގޮންޖެހުން ތަކާއި މުހިންމު ދާއިރާ ތަކަށް ބިދޭސީން ބޭނުންވާ މިންވަރާއި އެހާތަނަށް ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރަމުންދާ މިންވަރާއި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މިންވަރު ދެނެގަންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅާ އިރު، ރިއާޔަތް ކުރަންޖެހޭ ކަންތައްތަކެއް ބިލުގައި ވަނީ ފާހަގަ ކޮށްފައެވެ.

އޭގެތެރޭގައި ގައުމުގެ އިގުތިސޯދީ، އިޖުތިމާއީ ތަރައްގީއަށް މުހިންމު ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ފަންނެއް ކުރިއެރުވުމަށް ކޮންމެހެން މުހިންމު ވަޒީފާ ތަކާއި އެކަށީގެންވާ އަދަދަކަށް ކަމުގެ ހުނަރު ލިބިފައިވާ މަސައްކަތްތެރިން ރާއްޖެއިން ލިބެން ނެތުން ނުވަތަ ލިބޭ މިންވަރު މަދުވުން ހިމަނާފައިވެއެވެ.

ވަކި ދާއިރާއެއްގެ ވަޒީފާތަކަށް، ބިދޭސީން ނެގުމުގެ ސަބަބުން އެ ދާއިރާއެއްގައި އިލްމާއި ހުނަރު އިތުުރު ކުރުމުގެ ފުރުސަތު އޮތް މިންވަރާއި ވަކި ދާއިރާއެއްގެ ވަޒީފާއަށް އެއްވެސް މީހަކު ނުލިބިއްޖެނަމަ ނުވަތަ ލިބޭ މިންވަރު މަދުވެއްޖެނަމަ، އެ ދާއިރާއެއްގެ ތަރައްގީއަށް ކުރާނެ ނޭދެވެ އަސަރު ބަލަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ވަކި ދާއިރާއެއްގައި ބިދޭސީ މަސައްކަތްތެރިން ހިމެނުމުގެ ސަބަބުން ނުވަތަ އެފަދަ މަސައްކަތްތެރިންގެ އަދަދު އިތުރުވުމުގެ ސަބަބުން ދާޚިލީ އަދި ގައުމީ ސަލާމަތަށް އަސަރު ކޮށްފާނެ މިންވަރު ދެނެގަތުންވެސް ހިމެނެއެވެ.

ބިލުގައި ބުނަނީ، ރާއްޖެ ގެނެވޭނެ ކަމަށް ގަވާއިދުގައި ކަނޑައަޅާ އަދަދަށްވުރެ އިތުރަށް ބިދޭސީން އުޅޭ ނަމަ، އެ އަދަދަށް ހިފެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު ތަކާއި އެކަންކޮށް ނިންމަންޖެހޭ މުއްދަތުވެސް ޤަވާއިދުގައި ބަޔާން ކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް އެ މުއްދަތު ކަނޑައަޅަން ވާނީ އެކަށީގެންވާ ނޯޓިސް މުއްދަތެއް ދިނުމަށް ފަހުގައި ކަމަށާއި އެ މުއްދަތު 36 މަސް ދުވަހަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *