ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރަން މަޖިލީހުން ފާސް ކޮށްފި

ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރަން މަޖިލީހުން ފާސް ކޮށްފި

ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭގެ އާ ގަަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.

އާ ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭނާގެ ނަން މަޖިލީހަށް ފޮނުއްވީ، މީގެކުރިން ގަވަރުނަރު ކަމުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކި ކުރެއްވުމަށް ފަހުގައެވެ.

މުނައްވަރު ގަވަރުނަރު ކަމަށް އައްޔަން ކުރުމާއިގުޅޭ ގޮތުން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 78 މެމްބަރުންވެސް ވޯޓު ދެއްވީ އޭނާ އެމަގާމަށް އައްޔަން ކުރަން ފެންނަ ކަމަށެވެ. އެވަގުތު މަޖިލީހުގައި ތިއްބެވީ 85 މެންބަރުންނެވެ. ނަމަވެސް އިތުރު މެންބަރުން ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

މުނައްވަރުގެ ނަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ރުހުން ހޯއްދެވުމަށް މަޖިލީހުގެ ތަޅުމަށް ފޮނުއްވީ މިއަދުއެވެ. މިކަން މާލިއްޔަތު ކޮމިޓީން ދިރާސާ ކުރުމަށްފަހު އެ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވީ، އެމްއެމްއޭގެ ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރަން ރައީސަށް މަޝްވަރާ އަރުވަން ކޮމިޓީން 94.43 ޕަސެންޓު މާކްސް މުނައްވަރަށް ދެއްވި ކަމަށެވެ. އަދި އެއީ މިހާތަނަށް އެ މަގާމަށް މީހަކު އައްޔަން ކުރުމަށް ކޮމިޓީން އެންމެ މަތީ މާކްސް ލިބުުނު މީހާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

މުނައްވަރަކީ މީގެކުރިންވެސް އެމްއެމްއޭގައި 10 އަަހރު ދުވަސް ވަންދެން ޚިދުމަތް ކުރައްވައި، ފިނޭންސް މިނިސްޓަރުގެ މަގާމްވެސް އަދާ ކުރެއްވި އަދި މާލީ ދާއިރާގެ ގިނަ ތަޖުރިބާ ތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އެމްއެމްއޭގެ ގަަވަރުނަރު ކަމަށް އައްޔަން ކުރަން ރައީސް މުއިއްޒު އޭނާގެ ނަން މަޖިލީހަށް ފޮނުއްވީރުވެސް އޭނާ ހުންނެވީ، ފިނޭސް މިނިސްޓަރުގެ އެޑްވައިޒަރު ކަމުގެ މަގާމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *