މައުރޫފުގެ ސުވާލަށް ތޯރިގުގެ ޖަވާބު: ކެންދޫ އިންޖީނުގޭ މަސައްކަތް ހުއްޓިފައި ވަނީ ފައިސާ ނެތިގެން

މައުރޫފުގެ ސުވާލަށް ތޯރިގުގެ ޖަވާބު: ކެންދޫ އިންޖީނުގޭ މަސައްކަތް ހުއްޓިފައި ވަނީ ފައިސާ ނެތިގެން

ބ. ކެންދޫ އިންޖީނުގޭގެ މަސައްކަތް މިހާރު ހުއްޓިފައި ވަނީ ފައިސާ ނެތިގެން ކަމަށް މިނިސްޓަރ އޮފް ކްލައިމެޓްޗޭންޖް އެންޑް އެނަޖީ ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ތޯރިގު މިހެން ވިދާޅުވީ، ކުރީގެ ސަރުކާރުން ފެނަކަ މެދުވެރިކޮށް ބ. ކެންދޫގައި އިމާރާތް ކުރަން ފަށާފައިވާ އާ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި ވާއިރު، މި މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ނިންމައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ދެވޭނެ ތާރީޚަކީ ކޮބައިތޯ، އޮޅުން ފިލުވުމަށް، ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ، ކެންދޫ، އާ އިންޖީނުގޭގެ މަައްސަލައަކީ ފެނަކައިގެ ޚަރަދުގައި ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށާއި އެއީ މިނިސްޓްރީން ސީދާ ކުރިއށްގެންދާ މަޝްރޫއެއް ނޫން ކަމަށެވެ. އަދި ފެނަކައިން ދިން މައުލޫމާތުތައް މަޖިލީހަށް ހާމަ ކޮށްދެއްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ، ފެނަކައިން އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ، ސީސައިޑް ޕްރައިވެޓް ލިމިޓެޑާ ކަަށެވެ.

1 މެއި 2022 ގައި ޕްރޮޖެކްޓް ނިންމާ ގޮތަށް އެ ކުންފުންނާ މަސައްކަތް ހަވާލުކޮށް ސޮއި ކޮށްފައި ވަނީ، 11 ޖުލައި 2021 ގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ހަވާލު ކުރިއިރު، އެ މަސައްކަތުގެ އަގަކީ 8.7 މިލިޔަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެރަށު އިންޖީނުގެ އެޅުމަށް ކަނޑައެޅި ބިމަށް ބަދަލު ތަކެއް އައުމާއި، އެތަނުގެ ތިމާވެއްޓާބެހޭ ރިޕޯޓް އިސްލާހުކޮށް ބަދަލު ގެނައުމާއި، އެކަންކަމުގެ ސަބަބުން  މަޝްރޫއުގެ ސްކޯޕަށް ބަދަލު އައިސް ބީއޯކިއުއަށް ބަދަލު ތަކެއްގެންނަން ޖެހުމުން ސައިޓްގައި އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުނީ، 20 ޑިސެމްބަރު 2022 ގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމާގުޅިގެން މަސައްކަތް ނިންމުމަށް އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދިން ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އެންމެ ފަހުން މުއްދަތު އިތުރުކޮށް ދިނީ 31 މެއި 2023 އަށް މަސައްކަތް ނިންމުމަށް ކަމަށާއި، އޭގެ ފަހުންވެސް އެކި ފަހަރު މަތިން މުއްދަތު އިތުރު ކުރުމަށް އެފަރާތުން އެދުނު ކަމަށާއި، އެންމެ ފަހުން 11 ނޮވެމްބަރު 2023 ގައި 30 ދުވަހުގެ މުއްދަތު އިތުރު ކޮށްދިނުމަށް ހުށަހެޅި ނަމަވެސް އެފަަހަރު މުއްދަތު އިތުރު ނުކޮށްދޭން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ހިސާބަށް ދިޔައިރު ނިމިފައި ވަނީ އެ ޕްރޮޖެކްޓްގެ 55 އިން ސައްތަ މަސައްކަތް ކަމަށެވެ. ކޮންޓެކްޓަށް ގެނައި ވޭރިއޭޝަން ތަކުގެ ޖުމްލައަށް އިތުރު 1.5 މި ލިޔަން ރުފިޔާ އަރާފައިވާ ކަމަށާއި، އެކަމާ ގުޅިގެން މިހާރު ކޮންޓްރެކްޓްގެ އަގު 10.5 މިލިޔަނަށް ބޮޑުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އޭގެތެެރެއިން 3.5 މިލިޔަން ރުފިޔާ ކޮންޓްރެކްޓާ ހަވާލު ކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިވަގުތު އެ އިންޖީނުގޭގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި ވަނީ އެކަމަށް ބޭނުންވާ ފައިސާ ނެތުމުގެ ސަބަބުން ކަމަށެވެ. އެހެން ކަމުން ބާކީ ހުރި މަސައްކަތް ނިންމުމަށް ހިނގާނެ ހަރަދު އަންދާޒާކޮށް ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ފެނަކައިން ކުރަމުންދާ ކަމަށާއި، ފައިސާ ހަމަޖެހުމުން 6 މަސް ދުވަހުގެ ތެރޭގައި އިންޖީނުގޭގެ މަސައްކަން ނިންމާލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *