ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް އަނެއްކާވެސް ދިވެހިރާއްޖޭގެ ޕާސްޕޯޓް ހޮވިއްޖެއެވެ.
މިކަން ހާމަކޮށްފައި ވަނީ ވީޒާއަކާއި ނުލައި އެންމެ ގިނަ ޤައުމު ތަކަށް ދަތުރުކުރެވޭ ޕާސްޕޯޓުތައް ހާމަކޮށް "ހެންލީ ޕާސްޕޯޓް އިންޑެކްސް" އިން ނެރުނު ލިސްޓުގައެވެ. މިއީ ކޮންމެ އަހަރަކު އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާޓްނަރސްއިން އެކުލަވާލައި ނެރޭ ލިސްޓެކެވެ.
ދުނިޔޭގެ 227 ޤައުމެއް ހިމެނޭ މި ލިސްޓުގައި ރާއްޖެ ހިމެނިފައި ވަނީ 52 ވަނައިގައެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 6 ދަރަޖައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު މި ލިސްޓުގައި ރާއްޖެ އޮތީ 58 ވަނައިގައެވެ.
ދިވެހި ޕާސްޕޯޓު ބޭނުންކޮށްގެން މިހާރު ވިސާއާއި ނުލައި 94 ޤައުމަށް ދަތުރު ކުރެވެއެވެ. މިސަރަޙައްދުގެ ދެވަނައަށް އެންމެ ބާރުގަދަ ޕާސްޕޯޓަކީ 58 ޤައުމަކަށް ދަތުރުކުރެވޭ އިންޑިޔާއެވެ. އެ ޤައުމު އޮތީ ދުނިޔޭގެ ލިސްޓުގެ 82 ވަނައިގައެވެ.
މިއަހަރު ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގޮތުގައި އޮތީ ސިންގަޕޫރުގެ ޕާސްޕޯޓެވެ. އެ ޤައުމުގެ ޕާސްޕޯޓު ބޭނުން ކޮށްގެން ވިސާއާއި ނުލައި 195 ޤައުމަކަށް ދަތުރު ކުރެވެއެވެ.