މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު ސަރުކާރާ ހަވާލު ކުރަން ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
އިންޑަސްޓްރިއަލް ޒޯން ސަރަހައްދު ހުސްކޮށް، އެތަން ސަރުކާރާ ހަވާލު ކުރަން ހައުސިން މިނިސްޓްރީން 2022 ވަނަ އަހަރު އެންގުމުންވެސް، ސިޓީ ކައުންސިލުން ވަނީ އެއީ ސިޓީ ކައުންސިލްގެ ބިމެއް ކަމަށް ބުނެ އެތަން އަނބުރާ ހަވާލު ކުރަން ދެކޮޅު ހަދައިފައެވެ. އަދި އެ ސަރަހައްދުގައި ތިލަމާލެ ބްރިޖްގެ މަސައްކަތް ހިނގަމުން ދާތީ، އެތަން ތިން ވަނަ ފަރާތަކަށް ނުދިނުމަށްވެސް މިދިޔަ އަހަރުގެ ކުރީކޮޅު ސަރުކާރުން އޮތީ އަންގައިފައެވެ.
އެ ބިން އަނބުރާ ހޯދަން ހައުސިން މިނިސްޓްރީން ދައުވާ ކުރުމުން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ މައްސަލައިގައި ސިޓީ ކައުންސިލުން ކޯޓުގައި ޖަވާބުދާރީ ވެފައިނުވާ ކަމަށާއި އެހެންވެ، ސަރުކާރުން ހުށަހެޅި ކަންކަމަށް ބަލާއިރު އެ ބިމަކީ ސަރުކާރުގެ ބިމެއް ކަން ސާބިތުވާ ކަމަށެވެ.
އެހެން ކަމުން އެ ބިމުގައި ސިޓީ ކައުންސިލުން ކުރާ ހުރިހާ ކަމެއް ހުއްޓާލުމަށްފަހު، މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ބިން ހައުސިން މިނިސްޓްރީއާ ހަވާލު ކުރަން ސިޓީ ކައުންސިލްގެ މައްޗަށް އަންގާ ކަމަށް ސިޓީ ކައުންސިލްގެ ޣައިރު ހާޒިރުގައި ކުރި ހުކުމުގައިވެއެވެ.
އިންޑަސްޓްރިއަލް ޒޯންގެ ބޮޑު ބައެއް މިހާރު ބޭނުން ކުރަނީ ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކް ކުރުމަށެވެ.