ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ބަންޑާރަ ނައިބު އުނި ކުރަނީ

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ބަންޑާރަ ނައިބު އުނި ކުރަނީ

އެޓާރނީ ޖެެނެރަލް (އޭޖީ) އުނިކޮށް، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލަވާލުމަށްޓަކައި، ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ބިލް ފޮނުވައިފިއެވެ.

ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފު މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ. ބިލުގައި ބުނެފައި ވަނީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީވެސް، ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީގެ މެންބަރެއްގެ ގޮތުގައި ބަންޑާރަ ނައިބު ހިމެނުމަށް ގާނޫނުގައި އޮތް ގޮތް ބަދަލު ކުރުން ކަމަށެވެ.

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީ އެކުލެވިގެން ވަނީ ހަމައެކަނި ގާނޫނީ ވަކީލުން އިންތިހާބުކުރާ ރައީސަކާއި ނައިބު ރައީސަކާއި މެންބަރުންގެ މައްޗަށް ކަމުގައި ހަމަޖެއްސުންވެސް، މި އިސްލާހު ގެންނަން ހުށަހެޅި ސަބަބު ތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް ބިލްގައި ވަނީ ފާހަގަ ކޮށްފައެވެ.

ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންޒީމުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމުގައި ހަމަޖައްސައި، ފުރިހަމަ މިނިވަންކަމާއެކު ކަންކަން ހިންގުމުގެ ފުރުސަތު ބާ ކައުންސިލަށް ހޯދައިދިނުންވެސް މި ބިލް ހުށަހެޅުމުގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނޭކަމަށް ބިލްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރަސްމީ އިދާރާ ތަކުންނާއި ރަޖިސްޓްރީ ކޮށްފައިވާ ކިޔަވައިދޭ މަރުކަޒު ތަކުން ދޫކުރާ ލިޔުން ތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދިނުމާއި ބޭރު ގައުމު ތަކުގައި ބޭނުން ކުރުމަށްޓަކައި ދިވެހި ރައްޔިތުންނަށް ބޭނުންވާ ބައެއް ބާވަތުގެ ލިޔެކިޔުން ތަކުގައި، ޑިޕްލޮމެޓިކް މިޝަން ތަކުން އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަ ކުރުންވެސް މި އިސްލާހު ގެނައުމުގެ ސަބަބު ތަކުގެތެރޭގައި ހިމެނެއެވެ.

އަލަށް ބާ ކައުންސިލަށް އިތުރުވާ މަގާމަށް މީހަކު އިންތިހާބު ކުރާނީ ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ މަސް ދުވަސް ތެރޭގައި ކަމަށް ބިލުގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *