އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް

ގަވަރުނަރު އާލާސްކަންފުޅާ، މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވުނު

ގަވަރުނަރު އާލާސްކަންފުޅާ، މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވުނު

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް، މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، އޮޅުން ފިލުވަންޖެހޭ މައުލޫމާތުތައް އޮޅުން ފިލުވުމަށްޓަކައި، މިއަދު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިނުގެންނެވުމުން އެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމުން އަލީ ހާޝިމް ވަކި ކުރުމަށް ރައީސުލްޖުމްހޫރއިްޔާއަށް ލަފާ އެރުވުމަށް މާލިއްޔަތު ކޮމިޓީން ވަނީ ފާސް ކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ޤަވާއިދު އޮންނަ ގޮތުން އެ މައްސަލަ މަޖިލީހުގެ ރައީސަށް ފޮނުވުމުން އެ މައްސަލަ މަޖިލިސް ތަޅުމަށް ހުށަހެޅުމުން، އެކަމުގައި ޖަވާބުދާރީ ވުމަށް ގަވަރުނަރަށް ފުރުސަތު ދިނުމަށްފަހު، އެ މައްސަލަ އިތުރަށް ދިރާސާކޮށް، އޭނާ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށް މަޖިލިސް ތަޅުމުން ފާސްކޮށް، އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވީއެވެ.

އެހެން ކަމުން އެ މައްސަލައަށް ކޮމިޓީގައި މެންބަރުން ބަހުސް ކުރެއްވުމަށްފަހު، ގަވަރުނަރު އަލީ ހާޝިމް، ދައުލަތުުގެ މާލީ ކަންކަމުގައި ފިނޭންސް މިނިސްޓްރީން އެދުނު ލަފައެއް ނުދީ އޮތްތޯ އާއި އެ މިނިސްޓްރީއަށް އެއްބާރުލުން ދީފައިވޭތޯ ބެލުމަށްޓަކައި ގަވަރުނަރު ކޮމިޓީއަށް ހާޒިރު ކުރަން ފާސް ކުރިއެވެ.

އެއީ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހަޅުއްވައިގެންނެވެ. ނާޒިމް ވިދާޅުވީ، ސަރުކާރަށް ބޭނުންވާ ކިހާވަރެއްގެ އެއްބާރުލުމެއް ދިންތޯ ގަވަރުނަރު ކައިރިން އޮޅުން ފިލުވަންޖެހޭ ކަމަށެވެ. ނާޒިމުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ. އޭނާ ވިދާޅުވީ، ކޮމިޓީން އޮޅުން ފިލުވަން ޖެހެނީ ދައުލަތުން އެދިގެން އެއްވެސް މައުލޫމާތެއް ނުވަތަ އެއްވެސް އެއްބާރުލުމެއް ގަވަރުނަރު ދީފައި ނުވޭތޯ ކަމަށެވެ. ގަވަރުނަރު ހާޒިރު ކޮށްގެން ކުރިއަށް ގެންދަން އޮތް ކޮމިޓީ ބައްދަލުވުން ތާވަލް ކޮށްފައި އޮތީ މިއަދު 11:00 އަށެވެ.

ނަމަވެސް އެ ކޮމިޓީ ބައްދަލުވުން ފެއްޓެވުމަށް ފަހު ކޮމިޓީގެ މުގައްރިރު މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، އަލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ކޮމިޓީއަށް ގަވަރުނަރު ފޮނުއްވާފައިވާ ސިޓިއެއް ލިބިފައިވާ ކަމަށެވެ. އެހެން ކަމުން ޖަވާބުދާރީ ވެވަޑައިގަތުމަށް މަޖިލިސް ކޮމިޓީއަށް މިއަދު ހާޒިރުވެވަޑައި ނުގެންނެވޭނެ ކަމަށް އެ ސިޓިން ކޮމިޓީގައި ގަވަރުނަރު ދަންނަވާފައިވާ ކަމަށްވސް ގާސިމް ވިދާޅުވިއެވެ.

އެހެން ކަމުން މިއަދު 11:00 ގައި އޮތް ކޮމިޓީ ބައްދަލުވުމަށް އޮޑިޓޓަރ ޖެނެރަލް އޮފީހުގެ އިސްބޭފުޅުން ވަނީ ހާޒިރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *