ރާއްޖެއިން ބޭރުގައި ކައިވެނިކޮށް، ރާއްޖޭގައި ރަޖިސްޓްރީ ނުކުރަނީސް ލިބޭ ދަރިންގެ ބައްޕަ ކަށަވަރުނުވާ މައްސަލަ ބޮޑު

ރާއްޖެއިން ބޭރުގައި ކައިވެނިކޮށް، ރާއްޖޭގައި ރަޖިސްޓްރީ ނުކުރަނީސް ލިބޭ ދަރިންގެ ބައްޕަ ކަށަވަރުނުވާ މައްސަލަ ބޮޑު

ރާއްޖޭން ބޭރުގައި ދިވެހިން ކައިވެނި ކުރުމަށްފަހު، ރާއްޖެ އައިސް، ރާއްޖޭގައި ކައިވެނި ރަޖިސްޓްރީ ކުރަން އޮންނަ މުއްދަތުގެ ތެރޭގައި ލިބޭ ދަރިން ބައްޕައަށް ނުލައްވާ މައްސަލައަކީ ވަރަށްބޮޑު މައްސަލައެއް ކަމަށް ޗިލްޑްރެންސް އޮންބަޑްސްޕާރސަން ނިއުމަތު ޝަފީގު ވިދާޅުވެއްޖެއެވެ.

ޗިލްޑްރެންސް އޮންބަޑްސްޕާރސަންގެ އޮފީހުގެ މަސައްކަތްތަކާބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިއުއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި، އެ އޮފީހުގެ މަސައްކަތްތައް ރަނގަޅު ކުރުމަށް ކޮށްދެވޭނީ ކޮންކަންތައް ތަކެއްތޯ، އެ ކޮމިޓީގެ ނައިބު މުގައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު ކުރެއްވި ސުވާލާއި ގުޅިގެން ނިއުމަތު ވިދާޅުވީ، އެ ބޭފުޅުންނަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ ކަމާބެހޭ ޤާނޫނު ތަކަށް ބަދަލު ގެނެސް ދިނުން ކަމަށެވެ.

އެގޮތުން ގެންނަންޖެހޭ ބަދަލު ތަކުގެ ތެރެެއިން އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއްކަމަކީ، ރާއްޖޭން ބޭރުގައި ކުރާ ކައިވެނިތައް ރާއްޖޭގައި ރަޖިސްޓްރީ ކުރަން އޮންނަ މަރުހަލާގެ މުއްދަތު ދިގުވުން ކަމަށް އޭނާ ވިދާޅުވިއެވެ. ނިއުމަތު ވިދާޅުވީ، އެފަދަ މައްސަލަ ތަކުގައި ކަން ހިނގާ ގޮތަކީ، ރާއްޖޭން ބޭރުގައި ކައިވެނި ކޮށްގެން ދިރިއުޅުމަށްފަހު، ރާއްޖެ ބަދަލުވެ، އެ ކައިވެނި ރާއްޖޭގައި ރަޖިސްޓްރީ ކުރުމުުގެ މަސައްކަތް ތަކަށް ދިގު މުއްދަތެއް ނެގުން ކަމަށެވެ.

އެގޮތަށް ހިނގާ މުއްދަތުގައި އެ ދެމަފިރިންނަށް ދަރިއަކު ލިބިއްޖެނަމަ، މިހާރު އޮތްގޮތުން ރާއްޖޭން ބަލަނީ އެއީ ބައްޕަ ނެތް ކުއްޖެއްގެ ގޮތުގައި ކަމަށެވެ. އިސްލާމީ ޝަރީއަތާ އެއްގޮތަށް ބޭރު ގައުމެއްގައި ކައިވެނި ކުރި ނަމަވެސް، ރާއްޖޭގައި ބަލަނީ ބައްޕަ ނެތް ކުއްޖެއްގެ ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެހެން ތަނެެއްގައި ކައިވެނި ކުރިއަސް، އިސްލާމީ ޝަރީއަތާ އެއްގޮތަށް ކޮށްފިނަމަ، އެއީ ކައިވެންޏަކަށް ވާނެ، އެކަމަކު ރާއްޖޭގައި ކައިވެނި ރަޖިސްޓްރީ ކުރުުގައި އަންނަ ދިގު މަރުހަލާގެ ތެރޭގައި ކުއްޖަކު ލިބިއްޖެއްޔާ އެއީ ބައްޕައަށް ނުލައްވާ، ބައްޕަ ނެތް ކުއްޖެއް ކަމަށް އޮންނަނީ،" އޭނާ ވިދާޅުވިއެވެ.

ނިއުމަތު ވިދާޅުވީ، އެކަންކަން ރަނގަޅު ކުރެއްވުމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހެގޭ ޤާނޫން ހިމެނޭ ގޮތުން ކަމާބެހޭ އެތައް ޤާނޫނުތަކާއި ޤަވާއިދު ތަކަށް ބަދަލު ގެންނަން ޖެހޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކަންހިނގާގޮތް ރަނގަޅަށް ނޭނގޭ ނުވަތަ ނުބަލާ މިކަހަލަ ބޮޑެތި މަގާމުތަކުގަ ތިބޭ މީހުންގެ ސަބަބުން މުޖުތަމަޢުގަ ވިޔާނުދާ ވިސްނުންތައް އިތުރުވޭ

Leave a Reply

Your email address will not be published. Required fields are marked *