ޝަމްނާޒާއި އޭނާގެ ކޮއްކޮވެސް ބަންދުން ދޫކޮށްލައިފި

ޝަމްނާޒާއި އޭނާގެ ކޮއްކޮވެސް ބަންދުން ދޫކޮށްލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ހައްޔަރު ކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ބަންދުން ދޫކޮށްލައިފިއެވެ.

ސިހުރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒްގެ އިތުރުން އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމާއި ހުސައިން ސަމީރެވެ. އެނގިފައިވާ ގޮތުގައި ސަމީރަކީ ސިހުރުވެރިޔާ ކަމަށް ތުހުމަތު ކުރާ މީހާއެވެ.

ނަން ހާމަނުކޮށް ފުލުހުން މިއަދު ބުނީ އެ މުއައްސަސާއިން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު ހައްޔަރު ކުރި 40 އަހަރުގެ އަންހެންމީހާ އާއި 26 އަހަރުގެ އަންހެންމީހާ ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލާފައިވާ ކަމަށާއި އެމީހުން ދޫކޮށްލީ ބަންދުގައި ބޭތިއްބުމަށް އެ މުއައްސަސާއަށް ނުފެންނާތީ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ނަން ހާމަނުކުރި ނަމަވެސް، އެނގިފައިވާ ގޮތުގައި އެ ދެ މީހުންނަކީ ސިހުރުގެ މައްސަލައިގައި ހައްޔަރުކުރި 40 އަހަރުގެ ޝަމްނާޒް އަދި 26 އަހަރުގެ ސަނާއެވެ. ޝަމްނާޒާއި އޭނާގެ ކޮއްކޮއާއެކު ހައްޔަރުކުރި ސަމީރުވެސް ވަނީ ދޫކޮށްލައިފައެވެ. ސަމީރު ބަންދުން ދޫކޮށްލާފައި ވަނީ މިދިޔަ މަހުގެ 29 ގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރުތަކަކާ އެކުއެވެ.

ސިހުރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ޝަމްނާޒް ވަނީ ސްޓޭޓް މިނިސްޓަރު ކަމުން ސަސްޕެންޑް ކޮށްފައެވެ. އެ މައްސަލައިގައި ޝަމްނާޒް ހައްޔަރުކުރި ދުވަސްކޮޅު ރަމީޒުވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *