މަޖިލިސް މެންބަރުންނާއި ކައުންސިލަރުންގެ އަދަދު މަދު ކުރަން ޤާނޫނަށް އިސްލާހު ގެންނާނަން: ރައީސް

މަޖިލިސް މެންބަރުންނާއި ކައުންސިލަރުންގެ އަދަދު މަދު ކުރަން ޤާނޫނަށް އިސްލާހު ގެންނާނަން: ރައީސް

ދައުލަތުހެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާއި ލޯކަލް ކައުންސިލްތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދާއި މިނިވަން މުއައްސަސާތަކުގައި ތިބޭ މެންބަރުންގެ އަދަދު މަދު ކޮށްލުމަށް ޤާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސައިޒު ހަމަޔަކަށް އަޅުވަންޖެހޭ ކަމަށެވެ. ކޮންމެ ދައުރަކު މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހަށް އެންމެ ރަނގަޅީ 77 މެންބަރުން ކަމަށްވެސް ވިދާޅުވިއެވެ.

"77 މެމްބަރުންނަށް މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓްކޮށް ހަމަޖެއްސުން އެންމެ ރަނގަޅީ. އެހެންވީމަ ކުރިއަށް އޮތް ތަނުގައި ހޮވާ މަޖިލީހަކީ 93 އަށްވުރެ ބޮޑުވެގެންދާ އަދަކަށްވުރެ 77 އަށް ނުވަތަ އެހާ ހިސާބަށް ހަމަޖެހޭ ވަރުގެ އަދަދަކަށް ކުޑަކޮށް އެއަށްވުރެ ބޮޑު ނުވާ ގޮތަށް ޤާނޫނަށް ހުށަހަޅާނަން." ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ދައުލަތް ހިންގުމުގެ އިސްވެރިޔާގެ ހައިސިއްޔަތުން އެންމެ މީހަކު ހޮވާއިރު ކުޑަ އާބާދީއެއް އޮންނަ ރަށެއްގައި ގިނަ އަދަދެއްގެ ކައުންސިލް މެންބަރުން އިންތިޚާބު ކުރުމަކީ ޚަރަދުބޮޑު ކަމެއް ކަމަށެވެ. އެ ޚަރަދު ކުޑަކުރުމުގެ ގޮތުން ކައުންސިލްތަކުގެ ސައިޒް ކުޑަ ކުރަންޖެހޭ ކަމަށާއި، ކުޑަ އާބާދީ ތަކުގައި ކައުންސިލް ރައީސާއި، ނައިބު ރައީސެއް ހޮވުމުން ފުދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ބޮޑެތި އާބާދީ ރަށްތަކާއި ސިޓީ ތަކުގައި އެއަށްވުރެ ގިނަ މެންބަރުން ހޮވުން ރަނގަޅު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިކަހަލަ އިސްލާހު ތަކެއް ޤާނޫނު އަސާސީ އާއި ޤާނޫނު ތަކަށް ގެނައީމަ އެސަލާމަތް ކުރެވެނީ ރައްޔިތުންގެ ފައިސާއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް. އެ ފައިސާއިން ރައްޔިތުންނަށް ފައިދާ ހުރި އެތައް ކަމެއް ކުރެވޭނެ. އެތައް ކަމެއްގައި ރައްޔިތުންގެ ދިރިއުޅުން ތަރައްގީ ކުރެވޭނެ ސަރުކާރަށް،" ރައީސް ވިދާޅުވިއެވެ.

އަދި އެކިއެކި ކޮމިޝަންތަކުގައި ވެސް އާދަޔާ ޚިލާފަށް ބޮޑެތި އަދަދު ތަކުން މެންބަރުން ހަމަޖައްސާފައި ހުންނަ ކަމަށާއި އިހުލާސްތެރި ނިޔަތުގައި މަސައްކަތް ކުރާނަމަ އެއަށްވުރެ މަދު އަދަދެއްގެ މެންބަރުން ތިބެގެން ވެސް މަސައްކަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ކަމުން، ކޮމިޝަން ތަކުގެ މެންބަރުންގެ އަދަދު ވެސް ކުޑަކުރުމަށް ޤާނޫނު ތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *