މަސްވެރިން ކުރަމުންދާ އިހުތިޖާޖަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށާއި، ނަމަވެސް އިހުތިޖާޖު ކުރުމުގެ ނަމުގައި ދައުލަތުގެ މުދަލަށް ގެއްލުން ދިނުން ބަލައިނުގަންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބޮޑު ބައެއް އީދުގެ ކުރިން ޖަމާ ކޮށްފައިވާނެ ކަމަށެވެ. ބާކީ ފައިސާ ނުދެވުނީ އީދު ބަންދުގެ ސަބަބުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ އިހުތިޖާޖަށް މަރުހަބާ ކިޔާނެ ބައެއް, އެކަމަކު ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖު ތަކަށް. ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖު ތަކަށް މަރުހަބާ ކިޔަނީ, ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދޭ ހިސާބަށް އިހުތިޖާޖު ތަކުގައި ދާކަށް އެ ފުރުސަތެއް ނުދޭނެ," ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މުދަލަށް ގެއްލުންދީ, ރައްޔިތުންތަކެއްގެ ހައްގުތަކަށް އަރައިގަންނަ ހިސާބުން, މަސްވެރިން ކަމުގައި ވިޔަސް އަދި އެހެން ބައެއް ކަމަށް ވިޔަސް އެ ފުރުސަތު ނުދެއްވާނެ ކަަމަށާއި ރާއްޖެއަކީ މިހާރު ޤާނޫނު ތަންފީޒު ކުރަމުންދާ ގައުމެއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ޔަގީންކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެހެން ކަމުން ދަައުލަތުގެ މުދަލަށް ގެއްލުންނުދީ މަސްވެރިން އަނބުރާ މަސްވެރިކަން ކުރަން ދިޔުމަށް އިލްތިމާސްކުރާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.