ޕީޖީގެ ރައްދު އޭޖީއަށް: ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރުމަށްވުރެ މާހައުލު ބަދަލު ކުރުން މާ ރަނގަޅު

ޕީޖީގެ ރައްދު އޭޖީއަށް: ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރުމަށްވުރެ މާހައުލު ބަދަލު ކުރުން މާ ރަނގަޅު

ކުށްކުރާ ކުޑަކުދިންގެ މައްސަލައަށް އޮތް ހައްލަކީ ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ދަށްކުރުންނޫން ކަމަށާއި، އެކަމަށް އޮތް ހައްލަކީ މާހައުލު ބަދަލުކުރުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވެފައި މިވަނި، ކުޑަކުދިންގެ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތް ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެފައި ވަނިކޮށެވެ. އުޝާމް ވިދާޅުވީ ކުޑަކުރިން ކުށްކުރުން ހުއްޓުވުމަށް އެއީ މުހިއްމު ބަދަލެއް ކަމަށެވެ.

ކުށްކުރާ ކުޑަކުދިންގެ މައްސަލަަތައް އިތުރުވަމުން އަންނަ މައްސަލައިގައި އެކި ފަހަރު މަތިން ސަރުކާރުން ކަންބޮޑުވުން ފާޅު ކޮށްފައި ވަނިކޮށް، ޝަމީމް މިހެން ވިދާޅުވީ، ކުށްކުރާ ކުޑަކުދިންގެ މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހައްލެއް ހޯދިފައި ނުވާ މައްސަލައެއް ކަން ފާހަގަ ކުރައްވައި އެކަމާބެހޭ ތަފްސީލީ މައުލޫމާތު ހިމެނޭގޮތުން އޭނާގެ ބްލޮގްގައި މިއަދު ޝާއިއު ކުރެއްވި ލިއުމެއްގައެވެ.

އޭނާ ވިދާޅުވެފައި ވަނީ ޤާނޫނު ތަންފީޒު ކުރުމުގެ ދާއިރާއިން ކާމިޔާބަކާ ގާތަށްވެސް އަދި ދެވިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. ބޮޑެތި މީހުން ކުށްކުރާ ސަބަބުތަކާއި ކުޑަކުދިން ކުށް ކުރާ ސަބަބުތައް ތަފާތު ކަމަށާއި، ކުޑަކުދިން ކުށްކުރަނީ ކުށެއް ކުރަން ވެގެނެއް ނޫންކަމަށްވެސް ޝަމީމު ވަނީ ވިދާޅުވެފައެވެ.

"ނުވަ އަހަރުގެ ކުއްޖަކު، ހެނދުނު ހޭލައިގެން މިއަދު ކުށެއް ކޮށްލާނަމޭ ހިތަށް އަރާނެ ކަމަކަށް، ކުޑަކުދިންނާ ގާތުގައިއުޅޭ، އެ ކުދިންގެ ވިސްނުން ހުންނަ ގޮތް އެނގޭ މީހަކު ގަބޫލު ކޮށްފާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ.،"

ކުށްކުރާ ކުދިންނާބެހޭ ފުރިހަމަ ދިރާސާއެއް ރާއްޖޭގައި ހެދިފައި ނެތްކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ކުށްކުރުމާ ގާތަށް ދެވިދާނެ ކަމަށް ފެންނަ 200 ވަރަކަށް ކުދިން ރާއްޖޭގައި އެބަ އުޅޭކަމަށް ސަރުކާރުގެ އިދާރާ ތަކުން ދެކޭ ކަމަށެވެ.

"ރާއްޖޭގެ ކުށްކުރާ މީހުންގެ އާބާދީއަކީ 1500 އާއި 2000 އާ ދެމެދުކަމަށް ބަލައިގެން ހިސާބު ޖަހައިފިނަމަ، މިދެންނެވި 200 ކުދިން މިހާރު އެ ހިނގާމަގު ބަދަލު ނުކުރެވިއްޖެނަމަ، މިއީ ގައުމީ މައްސަލައަކަށް ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ސުވާލަކީ، މިމައްސަލަ ޙައްލުކުރާނެ ގޮތާބެހޭ ސުވާލެކެވެ.،"

ޝަމީމް ވިދާޅުވީ، އެކަމުގެ ހައްލެއްކަމަށް ފުލުހުންގެ ތަހުގީގީ އިދާއިރާއާއި ސަރުކާރުގެ ބައެއް މީހުން ދެކެނީ، ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރު މިހާރު އޮތް 15 އަހަރުން، 12 އަހަރަށް، ނުވަތަ 10 އަހަރަށް ހަގުކޮށް، އެ ކުދިންގެ މައްޗަށް ޖިނާއީ ދައުވާކުރެވޭގޮތް ހެދުން ކަމަށެވެ.

ނަމަވެސް ޖިނާއީ ތަހުގީގުކުރުމާއި، ދައުވާކުރުމާއި، ޖަލުގައި ބަންދު ކުރުމަކީ އޭގެ ޒާތުގައި، އިޖްތިމާއީ މައްސަލަތަކަށް އޮތް ހައްލެއް ނޫންކަމަށްވެސް ޝަމީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖަލުގެ އާބާދީގެ 70% އަށްވުރެ މަތީ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުންނެވެ. ޖިނާއީ ދައުވާކޮށް، މީހުން ޖަލަށް ލައިގެން ކަމެއް ހައްލުވާނަމަ، މަސްތުވާތަކެތީގެ މައްސަލައެއް ރާއްޖޭގައި ނުއޮތީސް ކަމަށްވެސް ވިދާޅުވިއެވެ.

"މީހުން ޖަލުގައި ބަންދުކުރުމުގެ ފަލްސަފާ ނިޔާކުރަނީ، ޖަލުގައި މީހުން ފަރުވާދީ، ރަނގަޅު މީހުންގެ ގޮތުގައި އަނބުރާ މުޖްތަމައަށް ގެނައުން ކަމަށްވީ ނަމަވެސް، އެފަދަ ފުރިހަމަ ހިދުމަތެއް އަދި ދިވެހިރާއްޖެއަކު ނުދެވެއެވެ. ހޮސްޕިޓަލަށް މީހުން ދަނީ ފަރުވާ ހޯދާށެވެ. ބަލިން ރައްކާތެރިވާން ކުރަންޖެހޭ ކަންކަން ކުރުމަކީ ހޮސްޕިޓަލެއް ހޮސްޕިޓަލަކަށްވާ އެއް ސަބަބެވެ. ނަމަވެސް، އެތަނުންވެސް އިތުރު ބަލި ޖެހޭކަން ތަފާސް ހިސާބުން ފެންނަން އޮތީ މާ ސާފުކޮށެވެ. ވީމާ، އަލަށް ކުށްކުރާ ކުޑަކުއްޖަކު ޖަލަށްލުމުން، ޖަލުން އޭނާއަށް ދަސްވާނެކަމަށް ލަފާކުރާ ކަންތައްތަކަށް ބަލާއިރު، މިއީ ކުޑަކުދިން ކުށުން ދުރުހެލިކުރުވުމަށްޓަކައި ކުރަން އެހައި ރައްކާތެރިކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. މިއީ، ކުދިން އަލިފާނުން ރައްކާތެރިކުރުމަށްޓަކައި، އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެކެވެ.،"

ޝަމީމް ވިދާޅުވީ ކުށްކުރާ ކުދިންނާއި، ކުށަށް ހުށަހެޅިފައިވާ ކުދިންނަށް ފިޔަވަޅު އަޅައި، ފަރުވާދެވޭނެ ނިޒާމުތައް ގާނޫނުގައި މިހާރުވެސް ލިޔެފައި އެބައޮތެވެ. އަދި ގާނޫނު އޮތް ގޮތުން އެއްވެސް ކަމެއް ނުވެގެން އުޅެންޖެހޭކަމަށް ގަބޫލެއް ނުކުރައްވާ ކަމަށާއި، ކަންކަންކުރާނެ، އަދި ކުރެވޭނެ ގޮތް ހޯދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ކުދިން އިސްލާހު ކުރުމަށްޓަކައި، މާހައުލު ބަދަލުކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވެފައި ވަނީ، ރާއްޖޭގައި ކުޑަކުދިން ކުށްކުރާކަމަށް ފެންނަނީ، އެކުދިންގެ މާހައުލުން އެކަމަށް ހިތްވަރު ލިބޭތީ ކަމަށެވެ.

"ކުށަށް ހިތްވަރުލިބޭ މާހައުލެއްގައި ނެތް ކުއްޖަކު ކުށެއް ކޮށްގެން، ޖިނާއީ އަދުލުގެ ނިޒާމުގެ ސަމާލުކަމަށް އައިސްފައެއް ނުވެއެވެ. ވީމާ، ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއްކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާޙައުލު ބަދަލުކުރެވޭތޯ ބެލުމެވެ.،"

އެ ކަން ކުރުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ މީހުންނަށް އެބައޮތްކަމަށާއި، ނަމަވެސް، މާހައުލު ބަދަލުކުރުމާއި، އެ ބަދަލާއެކު ކުޑަކުދިންގެ ސުލޫކަށް ބަދަލު ގެނައުމަކީ ސްވިޗަކަށް ފިތާލުން ކަހަލަ ކަމެއް ނޫންކަމށްވެސް ވިދާޅުވެފައިވެއވެ

"ވަގުތަކުން ނަތީޖާއެއް ނުފެންނާނެއެވެ. ކެތްތެރިކަމާއި ސާބިތުކަން ބޭނުންވާނެއެވެ. ދައުލަތުގެ ވަސީލަތްތައްވެސް އެކަމަށް ހޭދަކޮށްގެން، އެކުއްޖާއާއި އެކުއްޖާގެ ވަށައިގެންވާ މާހައުލު އެއްކޮށް ބަދަލުކުރެވޭތޯ ބަލަންޖެހެއެވެ. އެކުއްޖާގެ މައިންބަފައިންގެ ވަޒީފާއެއް ނެތްނަމަ، ވަޒީފާއެއް ހޯދައިދޭންވީއެވެ. ތައުލީމީ ދާއިރާއިން އެ ކުދިންނަށް އިތުރު ހާއްސަ ފުރުސަތުތައްވެސް ލިބޭނޭގޮތް ހަދަންވީއެވެ. ޔުނިވާސިޓީތަކާއި ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތަކުގައި އެ ކުދިން ބައިވެރިކޮށް، ނުރަނގަޅު ރަޙްމަތްތެރިންނާއެކު ހޭދަކުރަން ލިބޭ ވަގުތު މަދުކުރެވޭތޯ ބަލަންވީއެވެ. އެއާއެކު، އެ ކުއްޖާއާ އެއްކޮށް އުޅޭ އެހެން ކުދިންވެސް، މަޑުމަޑުން މި ޕްރޮގްރާމްތަކުގައި ބައިވެރިކުރަންވީއެވެ.،"

އެކަންތައް ކުރިއަށް ގެންދާނެ ގޮތްތަކުގެ ތަފްސީލްތައްވެސް ޝަމީމްގެ ބްލޮގައިވަނީ ތަފްސީލް ކޮށްދެއްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *