އިޒްރޭލް ޕާސްޕޯޓް މަނާ ކުރަން މީކާއީލް ހުށަހެޅި އިސްލާހަށް މާދަމާ ބަހުސް ފަށާނެ

އިޒްރޭލް ޕާސްޕޯޓް މަނާ ކުރަން މީކާއީލް ހުށަހެޅި އިސްލާހަށް މާދަމާ ބަހުސް ފަށާނެ

އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ގޮތުން ޤާނޫނަށް އިސްލާހު ގެނައުމާމެދު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ބަހުސް ފަށާނެއެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ގޮތުން މީކާއީލް އިސްލާހު ހުށަހެޅުއްވާފައި ވަނީ "ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު" އަށެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވާފައި ވަނީ އިމިގްރޭޝަންގެ ޤާނޫނުގެ 8 ވަނަ މާއްދާއަށެވެ.

އެ މާއްދާއަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން" ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައި ވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ 7 ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ 8 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށް އެ ކެޓަގަރީގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނުމަށެވެ.

މީކާއީލް ވިދާޅުވީ އެ އިސްލާހުގެ ހުށަހެޅުމުގެ ބޭނުމަކީ އިޒްރޭލުން، ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ޤަތުލު އާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމެވެ. އަދި ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާ ކުރުމަށް ސަރުކާރަށް ގޮވާލައި، 19 ވަނަ މަޖިލީހުން ޤަރާރެއް ފާސް ކޮށްފައިވީ ނަމަވެސް، ސަރުކާރުން މިހާތަނަށް އެކަމުގައި އަމަލު ކުރާނެ ގޮތެއް ސާފު ކޮށްދީފައި ނުވާތީ، އެކަން ކުރެވޭނެ ވަކި މުއްދަތެއްވެސް ނޭނގޭތީ، ސީދާ ޤާނޫނަށް ގެންނަ ބަދަލުން އިސްވެ ބަޔާންކުރާ ފިޔަވަޅު އެޅުން އަވަސް ކުރުމުގެ ގޮތުން ކަމަށް މީކާއީލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ ފުރަތަމަ ކަމަށް އެޖެންޑާ ކޮށްފައި އޮތީ އެ އިސްލާހު ޤާނޫނަށް ގެނައުމާމެދު ބަހުސް ކުރުމަށެވެ.

ޤާނޫނަށް މި އިސްލާހު ހުށަހަޅާފައި ވަނިކޮށް، އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާ ކުރުމަށްޓަކައި ޤާނޫނު އިސްލާ ހުކުރަން ޖުލައި މަހުގެ ދެވަނަ ދުވަހު ކެބިނެޓުން ވަނީ ނިންމައިފައެވެ. އެކަމަށްޓަކައި ރައީސް އޮފީހުގައި އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ފަލަސްތީނަށް އަވަސް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކެބިނެޓުގައި މަޝްވަރާކޮށް މުހިއްމު ކަންތައްތަކެއް މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެދުވަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އެހެންވެ، އެ ކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *