ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މަޖިލިސް އިދާރާ

މެޖޯރިޓީ އާއި މައިނޯރިޓީ ލީޑަރާއި ޕީޖީ ގްރޫޕް ތަކަށް 30 ހާސް ރުފިޔާގެ މުސާރައަށް މުވައްޒަފުން ނަގަން ނިންމައިފި

މެޖޯރިޓީ އާއި މައިނޯރިޓީ ލީޑަރާއި ޕީޖީ ގްރޫޕް ތަކަށް 30 ހާސް ރުފިޔާގެ މުސާރައަށް މުވައްޒަފުން ނަގަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ޖެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ އިތުރުން، ޕާލަމެންޓްރީ ގްރޫޕު ތަކަށް މުވައްޒަފުން ހަމަޖެއްސުމަށް މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ނިންމައިފިއެވެ.

އެ ފަރާތް ތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުން ނިންމި އުސޫލުގައި ވާގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ މަސައްތަކަށް، އެއިން ކޮންމެ ލީޑަރަކަށް ދެ މުވައްޒަފުން ލިބިވަޑައިގަންނަވާނެއެވެ.

އެއިން ކޮންމެ މުވައްޒަފެއްގެ މުސާރަ އަކީ 20،000 ރުފިޔާއެވެ. ނަމަވެސް 30،000 ރުފިޔާގެ މުސާރައަކަށް އެއްމުވައްޒަފަކު ކަނޑައެޅުމުގެ އިޚްތިޔާރު އެ އުސޫލުގައި ކޮންމެ ލީޑަރަކަށްވެސް ދީފައިވެއެވެ. ޕާލަމެންޓް ގްރޫޕު ތަކަށް މުވައްޒަފުން ހަމަޖައްސާނެ އުސޫލުވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.

އޭގެތެރޭގައި ހިމެނެނީ، 10 މެންބަރުންނަށްވުރެން މަދުން މެންބަރުން ހިމެނޭ ޕާލަމެންޓްރީ ގްރޫޕަކަށް މުވައްޒަފެއް، 11 މެންބަރުންނާއި 20 މެންބަރުންނާ ދެމެދުގެ އަދަދަކަށް މެންބަރުން ހިމެނޭ ޕާލަމެންޓްރީ ގްރޫޕަކަށް 2 މުވައްޒިފުން، 21 އާއި 30 މެންބަރުންނާ ދެމެދުގެ މެންބަރުން ހިމެނޭ ގްރޫޕަކަށް ތިން މުވައްޒަފުން އަދި 30 މެންބަރުންނަށްވުރެންގިނަ ޕާލަމެންޓްރީ ގްރޫޕަކަށް 4 މުވައްޒަފުންނެވެ.

އުސޫލުގައި ބުނެފައި ވަނީ މަޖިލީހުގައި މަސައްކަތް ކުރި ނަމަވެސް، މި މުވައްޒަފުންނަކީ މަޖިލީހުގެ މުވައްޒަފުން ނޫން ކަމަށެވެ. ނަމަވެސް އެ މުވައްޒަފުންނަށް މުސާރަ ޖަމާ ކުރާނީ މަޖިލީހުންނެވެ. ނަމަވެސް މުސާރަ ނޫން ފައިސާގެ އެހެން އިނާޔަތެއް މަޖިލީހުން ދީގެންނުވާނެ ކަަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެ މުވައްޒަފުންނަށް ވަޒީފާދީ އަދި ވަޒީފާއިން ވަކި ކުރާނީ އެ ޕީޖީ ގްރޫޕަކުންނެވެ. އަދި އެ ޕީޖީ ގްރޫޕެއްގެ މުވައްޒަފުން ވަޒިފާ އަދާކުރުމާ ގުޅޭ އެންމެހާ ކަންކަން ހަމަޖައްސާނީވެސް އެ ޕީޖީ ގްރޫޕަކުންނެވެ. ވަޒީފާގެ އެއްބަސްވުން ހަދާނީވެސް ޕީޖީ ގްރޫޕާއެކުގައި ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *