އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއީލް. ފޮޓޯ: މަޖިލިސް އިދާރާ

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން މީކާއީލް ހުށަހެޅި ބިލު މާދަމާއަށް އެޖެންޑާ ކޮށްފި

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން މީކާއީލް ހުށަހެޅި ބިލު މާދަމާއަށް އެޖެންޑާ ކޮށްފި

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ރާއްޖެއިން ދެކޮޅުކަން އެންގުމުގެ ގޮތުން އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާ ކުރަން އެމްޑީޕީގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ހުށަހެޅުއްވި ބިލު މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މީކާއީލް ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާ އިއްވުމަށް ފަހު އަނެއް ދުވަހު ބަހުސް ފަށަން ވަނީ ނިންމައިފައެވެ.

މީކާއީލް އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގެ ފަހަތަށް އިތުރު ނަންބަރެއް އިތުރުކޮށް އިޒްރޭލު ޕާސްޕޯޓާއި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ އެހެން މީހުންވެސް ރާއްޖެއަށް އެތެރެ ނުވެވޭނެ ކަމަށް ޤާނޫނަކުން ކަނޑައެޅުމަށެވެ.

"ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު" ގެ 8 ވަނަ މާއްދާއަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުން" ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައި ވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ 7 ކެޓަގަރީއެއްގެ މީހުން ކަނަޑައަޅައިފައެވެ.

އެ އިސްލާހު ހުށަހަޅައިފައިވަނިކޮށް ރައީސް އޮފީހުން އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ޤާނޫނު ތަކަށް އިސްލާހު ގެންނަން ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމައިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އޮބްޖެކްޓިވްއަކީ ދެންމެ ވެސް މި ފާހަގަކުރިހެން ވީ އެންމެ އަވަހަށް ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނަށް ބަދަލުތައް ގެނައުން." އިހުސާން ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއީލް ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރަން ސީދާ ރައީސްގެ ރިޔާސީ ޤަރާރަކުން ނިންމެވި ނަމަ، އެކަމަށް މަރުހަބާ ކިޔުނީސް ކަމަށެވެ. ނަމަވެސް، މިހާރު ސަރުކާރުން އަމަލު ކުރި ގޮތުން އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ކަންކަން އިތުރަށް ދިގުލައިގެން ދާނެ ކަމަށެވެ.

"މިއީ ރިޔާސީ ގަރާރަކުންވެސް ކުރެވޭނެ ކަމެއް. މަޖިލީހުގެ އެ ބޭފުޅުންގެ ސުޕަ މެޖޯރިޓީ މަދެއް ނޫން. އެހެންވީމާ ސީދަ އެ ޕާޓީގެ އެމްޕީ އަކަށް އެ ބިލް ހުށަހެޅުއްވޭނެ މިއަދުން މިއަދަށްވެސް. އެކަމަކު އެކަން ދިގުލައިގެންދާ ދިޔުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް،" މީކާއިލް ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުން ހުއްޓުވާނެ ގާނޫނެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށެވެ. އެހެންކަމުން ރައީސްއަށް ގަރާރަކުން އެކަން ކުރެވެން އޮންނާނެ ކަމަށެވެ.

"މިއަދު އެ ބިލްގެ ފުރަތަމަ ކިޔުން އިއްވަން ޖެހޭނެ އެއީ އުސޫލެއްގެ ގޮތުން އެހެން އެއްވެސް ބިލެއް ނެތް ހުށަހަޅާފައެއް. އެކަން ނުކުރައްވައި މިކަން ދިގުދަންމާ މުއާލަތް ދުއްވާލުމުގެ ގޮތުން ހެޔޮ ނިޔަތެއް ނެތި ކުރާ ކަމެއް ކަމަށް އިޒްރޭލު ޕާސްޕޯޓް ބޭން ކުރުން ލަސް ކުރަން މި ދައްކާ ވާހަކަތަކަކީ،" މައުރޫފް ވިދާޅުވި އެވެ.

އެއަށްފަހު އަނެއްކާވެސް ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ އެމްޑީޕީން ބޭނުން ވަނީ އިޒްރޭލު ޕާސްޕޯޓް މަނާ ކުރަން ކަމަށެވެ. މަޖިލީހުގެ ކޮމިޓީ ތަކުގެ މެޖޯރިޓީ ޕީއެންސީއަށް އޮތްއިރު އޭނާ ހުށަހެޅުއްވި ބިލަށް، ސަރުކާރު ބޭނުންވާ ބަދަލުތައް ގެނެވޭނެ ކަމަށެވެ. އެހެން ކަމުން ދެވަނަ ފަހަރަށް ހަމަ އެފަދަ އިސްލާހެއް ހުށަހެޅުމުގެ ބޭނުމެއް ނޯންނާނެ ކަމަށް މީކާއީލް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *