20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުން އޮތް ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި، މަޖިލީހުގެ މިހާރުގެ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ އާއި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް، މަޖިލިސް ގޯތި ތެރޭގައި ވާހަކަފުޅު ދައްކަވަން ތިއްބެވި މަންޒަރު. ފޮޓޯ: މަޖިލިސް އިދާރާ

ރުހުން ނުދިން ތިން ވަޒީރުންގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

ރުހުން ނުދިން ތިން ވަޒީރުންގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނި ވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން، ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މާދަމާގެ ޖަލްސާއަކީ އަލަށް އިންތިޚާބު ކުރި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާއެވެ.  މާދަމާގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ކަމަކަށް އޮތީ، ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ހ)ގެ ދަށުން ވަޒީރުންގެ މަޖިލީހުގެމެންބަރުންގެ ގޮތުގައި 29 ޖަނަވަރީ 2024 ގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ތިން ބޭފުޅުންގެ ނަންފުޅަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔ ފޮނުއްވާ ފައިވާ މައްސަލަ ކުރިއަށް ގެންދެވުމެވެ.

އެހެން ކަމުން މާދަމާގެ ޖަލްސާގައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވަވައި، އެ ތިން ބޭފުޅުންގެ ނަންފުޅު އިތުރަށް ދިރާސާ ކުރުމަށް ކަމާބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވާނެވެ.

ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ބޭފުޅުންގެ ތެރެއިން 19 ބޭފުޅަކަށް، އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ނަމަވެސް ތިން ބޭފުޅަކަށް މަޖިލީހުގެ ރުހުން ނެތްކަށް ވަނީ ފާސް ކޮށްފައެވެ.

މަޖިލީހުގެ ރުހުން ނެތް ކަމަށް ފާސް ކުރެއްވި ބޭފުޅުންނަކީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އެޓާރނީ ޖެނެރަލް އަހުމަދު އުޝާމްގެ އިތުުރުން ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ނަމަވެސް ރައީސް މުއިއްޒު ވަނީ އަލުން އެ މަގާމު ތަކަށް ހަމަ އެ ބޭފުޅުން އައްޔަން ކުރައްވައި އެބޭފުޅުނަށް މަޖިލީހުގެ ރުހުން ހޯދަން ފޮނުވައިފައެވެ.

ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ އިތުރުން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމުގެ މައްސަލަވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ. އަދި އާ ޤަވާއިދު ހެދެން ދެން، އަމަލު ކުރަން މަޖިލީހުން ފާސް ކުރި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 130 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީ ތަކަށް މެންބަރުން އިންތިހާބު ކުރުންވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންށާ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *