ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ އަމަލު ތަކަކީ އިޒްރޭލާއި ފަލަސްތީނުގެ މެދުގައި ހިނގާ ކަމެއް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވުމުން ގިނަ ބައެއްގެ ނުރުހުމާއި ފާޑު ކިޔުން ފަލާހަށް އަމާޒު ވެއްޖެއެވެ.
އިއްޔެ މަޖިލިސް ހުވާ ކުރުމަށްފަހު 75 މެމްބަރުން ހިމެނޭ ޕީއެންސީގެ ބިޔަ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖެއަށް އިޒްރޭލުގެ ފަތުރުވެރިން އައުން މަނާކުރުމާ މެދު އާ މަޖިލީހުން ގެންގުޅޭނެ ސިޔާސަތާމެދު ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ.
ތަކުރާރުކޮށް ކުރި މި ސުވާލަށް ފުރަތަމަ ޖަވާބު ދެއްވަމުން ފަލާހު ވިދާޅުވީ، މައްސަލައިގެ މާބޮޑު މައުލޫމާތެއް އެނގިފައި ނެތުމުން ޖަވާބެއް ދެވެން ނެތް ކަމަށެވެ.
"އިޒްރޭލުގެ މައްސަލާގައި، އެ މައްސަލައަކީ ތިޔަބޭފުޅުން އިނގިވަޑައިގަންނަވާނެ ހަމަ ވަރަށް ބޮޑު ފޮރިން ދެ ގައުމެއްގެ ދޭތެރޭ ހިނގާ މައްސަލަ ތަކެއް، އެކަން ކަމުގައި ސަރުކާރުން އެންމެ ވިސްނާފަ ފޮނުވާ ގޮތަކަށް، އެންމެ ރައްޔިތުންނަށް ގައުމަށް ފައިދާ ހުރި ގޮތަކަށް އިރާދަކުރެއްވިއްޔާ ނިންމަންޖެހޭ ކަންކަން ނިންމާނަން،" ނޫސްވެރިން ދެވަނަ ފަހަރަށް އެ ސުވާލު ކުރުމުން ފަލާހު ވިދާޅުވިއެވެ.
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމަކީ އެ ދެގައުމުގެ ދެމެދުގައި އޮތް ކަމެއް ކަމަށް ފަލާހު ވިދާޅުވުމުން ސިޔާސީ ބަޔެއް ފަރާތްތަކާއި، އާންމުންވެސް ސޯޝަލް މީޑިޔާގައި ދަނީ ފަލާހަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި ސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
"ފަލަސްތީނުގެ މައްސަލައަކީ ދެބައެއްގެ ދެމެދުގައި ގޯއްޗެއްގެ އިންފާރު ވަކި ކުރުމުގައި ދިމާވެގެން އުޅޭ ދެބަސްވުމެއްހާ އާދައިގެ ކަމެއް ގޮތަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމަކީ މިފަދަ މައްސަލަތަކާމެދު މި މީހުން ސީރިއަސް ނޫންކަން އަންގައިދޭ ކަމެއް،" ފަލާހަށް ފާޑު ކިޔައި އާންމުންގެ މީހަކު ސޯޝަލް މީޑިޔާގައި ބުނެފައިވެއެވެ.
އެހެން މީހަކު ބުނެފައި ވަނީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަކީ ކިހާވަރެއްގެ މައްސަލައެއްކަން ގްރޭޑް 1 ގައި އުޅޭ ކުއްޖަކަށްވެސް މިހާރު ސާފުވާނެ ކަމަށެވެ.
"ގްރޭޑް 1 ގެ ދަރިވަރަކަށްވެސް މި ބޭފުޅާއަށް ވުރެ ސާފު ނަޒަރެއް މިކަމުގައި ދެވިދާނެ، ލަދު ހަޔާތް ގެއްލުނީމަ ދެއްކޭ ނުދެއްކޭ ވާހަކަވެސް ނޭގެނީ،" އޭނާ ލިޔެފައިވެއެވެ.
އެހެން މީހަކު ބުނެފައި ވަނީ ޕީއެންސީ އިން އިދިކޮޅުގައި އޮތް އިރު ދެއްކި ދީނާއި ގައުމިއްޔަތުގެ ވާހަކައާއި ވެރިކަން ލިބުމުން މިހާރު ފެންނަ މަންޒަރާ ވަރަށް ތަފާތު ކަމަށެވެ.