އުތުރުތިލަފަޅުގައި ކުކުޅު ބިސް ފެކްޓްރީއެއް ހަދަނީ

އުތުރުތިލަފަޅުގައި ކުކުޅު ބިސް ފެކްޓްރީއެއް ހަދަނީ

އުތުރުތިލަފަޅުގައި ދަނޑުވެރިކަމަށް ޚާއްސަކުރާ އިގުތިސާދީ ސަރަހައްދުގައި ކުކުޅު ބިސް ފެކްޓްރީއެއް، ނުވަތަ ޕޯލްޓްރީ ފާރމެއް ހަދަން ނިންމާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު ރަމީލާ ވިދާޅުވީ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރި ކަމުގެ އިގްތިސާދީ ސަރަޙައްދެއް ޤާއިމް ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބާ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އުތުރުތިލަފަޅުން ދަނޑުވެރި ކަމުގެ ސަރަހައްދުގެ ގޮތުގައި 200 ހެކްޓަރުގެ ބިމެއް ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން މި ބިމުގައި ދަނޑުވެރިކަން ކުރަން ހަމަޖެހިފައި ވަނީ 2 ފިޔަވައްސަކަށް ބަހައިލައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. ފުރަތަމަ ފިޔަވައްސާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ މި ފިޔަވަހީގައި ދަނޑުވެރިކަންކުރާނީ 100 ހެކްޓަރުގެ ބިމެއްގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެގްރިކަލްޗަރ ޒޯންގައި ދަނޑުވެރިކަން ކުރާނެ މީހުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ ވަޞީލަތްތައް ޓެސްޓް ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުން ދާކަމަށްވެސް ވިދާޅުވިއެވެ. އަދި އެތަނުގައި ހެއްދޭ ކާބޯތަކެތި ސިންދަފާތުކުރުމަށް ވެލީގެ ދިރާސާ ތަކެއް ކުރަން ހަމަޖެހިފައި ވާކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *