ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އުންމީދީ މަސައްކަތް ތަކެއް ރޭވި، އޭގެތެރެއިން ބަޔެއް ކަންކަން ތަންފީޒު ކުރަން ފަށާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ މިއަދު ރާއްޖޭގައި ފެށުނު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ މުނާސަބަތުގައި ދެއްވި ޚިތޯބުގައެވެ.
މިނިސްޓަރު ވިދާޅުވީ ބަޔެއް ކަންކަން ތަންފީޒު ކުރަން ފެށި، އަދި ތަންފީޒު ކުރަން ހުރި ކަންކަމަށްވެސް ތައްޔާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން ދަރިން ބިނާކުރުމުގެ އާ ވިސްނުން ތަކެއް ތައުލީމީ ނިޒާމަށް ގެނައުމުގެ މަތިވެރި މަގުސަދުގައި ތައުލީމީ މަންހަޖުގެ ތެރެއިން ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ އަގުވަޒަން ކުރާ ގައުމީ ބަހާތަކަށް އިސްކަންދޭ ފަރުދީ އަދި ވަތަނީ ޒިންމާތައް އަދާ ކުރުމަށް ބޭނުންވާ މައުލޫމާތާއި ހުނަރާއި ސިފަތައް ހުރި ދަރިވަރުން ބިނާކުރުމުގެ މަސައްކަތަށް އިތުރު ސަމާލު ކަމެއްދީ ގައުމުދެކެ ލޯބިވާ ފަރުދުންތަކެއް ބިނާކުރުމުގެ މަސައްކަތް ފަށާފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ތައުލީމީ ނިޒާމު އެންމެ ފުރިހަމައަށް ކުރިޔަށް ގެންދެވޭނީ ފެންވަރު ރަނގަޅު އުފެއްދުންތެރި ވިސްނުމެއްގެ މުދައްރިސުން ދާއިރާގެ ހިދުމަތުގައި ތިބެގެން ކަމަށެވެ. އަދި އެފަދަ މުދައްރިސުން ދާއިރާގައި ނެތުމަކީ ތައުލީމީ ނިޒާމުގައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށްވެސް ވިދާޅުވިއެވެ.
ކިިޔަވައިދޭ މުދައްރިސުންނަކީ މުޅިންވެސް ދިވެހި މުދައްރިސުންނަށް ހެދުމަށްޓަކައި މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މި ހިނގާ ދިރާސީ އަހަރުގެ ތެރޭގައި ހިންގާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.