ކޮމިޝަނާރ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނާރ ޖެނެރަލް އޮފް ޓެކްޒޭޝަން، ހުޅުމާލެ ފްލެޓް/ ހަސަން ޒަރީރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސް ކޮށްފިއެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް މަޖިލިސް އިންތިޚާބުގައި ވާދަ ކުރެއްވުމަށްޓަކައި އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިއެވެ.
ރައީސް މުއިއްްޒު އިސްކަންދެއްވާ ތަރުތީބުން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ލިސްޓުގެ ކުރީގައި ހިމެނިވަޑައިގަންނަވަނީ ގއ. ވިލިނގިލި/ ވައިޖެހޭގެ، ޔަޒީދު މުހައްމަދުގެ ނަމެވެ. ޒަރީރުގެ ނަން ހިމަނުއްވާފައި ވަނީ ދެވަނަ އަށެވެ.
ޔަޒީދަކީ މީގެކުރިންވެސް ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. ހަސަން ޒަރީރު ވަނީ ޑެޕިއުޓީގެ މަގާމު އަދާކުރައްވައިފައެވެ.
މަޖިލީހުގެ އިޤްތިސޯދީ ކޮމިޓީން އެ ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، އެ ބޭފުޅުންނަށް ކޮމިޓީން ރުހުންދޭން ފެންނަ ކަމަށް ނެގި ވޯޓުގައި މި މަގާމަށް ޔަޒީދު އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ. ނަމަވެސް ޒަރީރަށް ރުހުންދޭން ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ.
އެހެން ކަމުން އެގޮތަށް ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައި ވާގޮތަށް އެމަގާމަށް ޒަރީރު އައްޔަން ކުރަން ރުހުން ދިނުމަށް މަޖިލީހުން ފާސް ކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 48 މެންބަރުންގެ ތެެރެއިން 45 މެންބަރުން ވޯޓު ދެއްވައިގެންނެވެ.