ރާއްޖެ އިން ބޭރަށް ނަގުދު ފައިސާ ބޭރު ކުރުމުގައި ފިޔަވަޅު ތަކެއް އަޅައި، 10،000 ޑޮލަރަށް ވުރެ އިތުރަށް ނަގުދު ފައިސާ ރާއްޖެ އިން ބޭރަށް ގެންދާނަމަ، އެ ފައިސާ ހޯދި ގޮތެއް ބުނެދޭން ޖެހޭ ގޮތަށް ހަދައިފިއެވެ.
ހޯމް މިނިސްޓްރީ އާއި އެތަނުގެ ދަށުން ހިންގާ އިދާރާ ތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މީގެކުރީން ބައެއް ބިދޭސީން ރާއްޖެއަށް ލޭބަރެއްގެ ގޮތުގައި އެތެރެވެ، އޭނާ ހަފުތާއަކު އެއް ފަހަރު ރާއްޖެ އިން ބޭރަށް އެތައް ލައްކަ ޑޮލަރު ހިފައިގެންދާ ކަމަށެވެ.
އެކަން ހުއްޓުވުމަށް ކަސްޓަމްސްގެ ކޭޝް ޑިކްލަރޭޝަން ޤަވާއިދަށް ބޮޑު އިސްލާހެއް ގެނެސް، 10،000 ޑޮލަރަށް ވުރެ މަތިން ރާއްޖެ އިން ބޭރަށް ފައިސާ ގެންދާ ނަމަ، އެ ފައިސާ ހޯދީ ކޮން ތަނަކުން ކިހިނެތްކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
"މީގެކުރިން 10،000 ޑޮލަރަށް ވުރެ މަތިން ހިފައިގެންދާ މީހާ ތިމަންނާ މި ދަނީ މިވެނި އަދަދަކަށް ފައިސާ ހިފައިގެންނޭ ބުނެ ހަމަ ދާންވީ. އެ ޑިކްލިއާ ކުރެވުނީ. ނަމަވެސް ބައިނަލްއަގްވާމީ އިދާރާ ތަކުގައި މިކަމަށް މިންގަނޑު ތަކެއް އޮވޭ. އެ މީހާ 10،000 ޑޮލަރަށް ވުރެ މަތިން ހިފައިގެންދަންޏާ ސޯސް އޮފް އިންކަމް ޑިކްލިއާ ކުރަންޖެހޭ. އޭނާ ކޮންތާކުން ހޯދި ލާރިއެއްތޯ ހިފައިގެން މި ދަނީ،" އިހުސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ އިސްލާހާއެކު ރާއްޖެ އިން ބޭރަށް ބޮޑު އަދަދުން ނަގުދު ފައިސާ ބޭރު ކުރުން ގާތްގަނޑަކަށް ހުއްޓުމަކަށް ގެނެވިފައިވާ ކަމަށެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނަރަލް އިބްރާހިމް މަފާޒު ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓް ކުރުމުގެ ޤަވާއިދު އޮތް ގޮތުން ޤަވައިދާ ޚިލާފަށް ފައިސާ ބޭރު ކުރާ ފަރާތްތަކާމެދު އެޅެން އޮތް ހަމައެކަނި ފިޔަވަޅަކީ ކަސްޓަމްސްއަށް އޮޅުވާލައިގެން ނުވަތަ ފޮރުވައިގެން ގިނަ އަދަދެއްގެ ފައިސާ ބޭރު ކުރަން އުޅޭ މައްސަލަ ތަކުގައި ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކުރުން ކަމަށެވެ.
ނަމަވެސް، ކޯޓުގައި މައްސަލަތައް ދިގުލައި، އިޖުރާއީ މައްސަލަތައްވެސް ބޮޑުވެ، ގިނަ މައްސަލަތައް ސާބިތު ނުވެ، އެ ފައިސާ އަނބުރާ ދޭންޖެހޭއިރު، ޖިނާއީ މައްސަލައެއްގެ މިންގަނޑަށް ނުފެތޭތީވެސް ގިނަ މައްސަލަ ތަކެއްގައި ފިޔަވަޅު ނޭޅި އެބަހުރި ކަމަށް ވިދާޅުވިއެވެ.