ސަރުކާރަށް ނޭނގި އިންޑިޔާ ސިފައިން ހެލިކޮޕްޓަރު އުދުއްސި: ޣައްސާން

ސަރުކާރަށް ނޭނގި އިންޑިޔާ ސިފައިން ހެލިކޮޕްޓަރު އުދުއްސި: ޣައްސާން

އިންޑިޔާ ސިފައިން ވަނީ ދިވެހި ސަރުކާރުގެ ހުއްދަ ނުހޯދައި ނުވަތަ ދިވެހި ސަރުކާރަށް ނޭނގި ހެލިކޮޕްޓަރު އުދުއްސާފައި ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ހުރިހާ ސިފައިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެ އިން ފޮނުވާލާފައި ވާތީ، އެކަމާއި ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ޣައްސާން ވިދާޅުވީ ދިވެހި ސަރުކާރަށް ނާންގައި އިންޑިޔާ ސިފައިން ހެލިކޮޕްޓަރު އުދުއްސާފައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށެވެ.

"އަޅުގަނޑު ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރި މިދިޔަ ފަސް އަހަރުގެ ތެރޭގައި 241 ކޮމިޓީން އޮންނާނެ ބަލާފައި ދިވެހިންގެ ހުއްދަ ނެތި ފްލައިޓެއް އަޅާފައި އޮތްކަން. ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރެއް އޭރު އޮތީ ދުއްވާފައި. އެއީ ތިމަރަފުއްޓަށް ލޭންޑްކުރި އިންސިޑެންޓެއް،" ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ހެލިކޮޕްޓަރު ތަކުގެ ފުލް ކޮންޓްރޯލް މިހާރު ދިވެހި ސަރުކާރަށް މިހާރު ލިބިފައިވާ ކަމަށެވެ. ސަރުކާރުގެ ކޮމާންޑަކުން ނޫން ގޮތަކަށް، ދެން ހެލިކޮޕްޓަރުތައް އޮޕަރޭޓް ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވީ އިންޑިޔާ ސިފައިން ހެލިކޮޕްޓަރު ޖެއްސީ ތިމަރަފުށީ އެއާޕޯޓަށް ކަމަށެވެ. އެ މައްސަލާގައި އެމްއެންޑީއެފްގެ ހުއްދަ ނެތި ހެލިކޮޕްޓަރާއި ޑޯނިއާ ނުއުދުއްސޭނެ ކަން އިންޑިޔާގެ ސިފައިންނަށް އެންގި ކަމަށްވެސް ހިލްމީ ވިދާޅުވިއެވެ.

"ހެލިކޮޕްޓަރު ޑޯނިއާވެސް އުދުއްސޭނީ ދިވެހި އަސްކަރިއްޔާގެ ހުއްދަ ލިބިގެން ކަމަށް އެ ފަރާތަށް އެންގުނު،" ހިލްމީ ވިދާޅުވިއެވެ.

އެ ހާދިސާ ހިނގީ ކޮން އިރަކު ކަމެއް ހިލްމީ ވިދާޅެއް ނުވެއެވެ. އެ މައްސަލާގައި ސަރުކާރުން އެޅި ފިޔަވަޅެއް ވެސް ހާމައެއް ނުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *