532 ބިދޭސީއެއްގެ ބަޔާމެޓްރިކް ޑޭޓާ ނަގައިފި

532 ބިދޭސީއެއްގެ ބަޔާމެޓްރިކް ޑޭޓާ ނަގައިފި

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް، ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެ ހޯދުމަށް ފަށާފައިވާ އޮޕަރޭޝަން "ކުރަނގި" ގެ ދަށުން ކ. ހިންމަފުށިން މިހާތަނަށް 532 ބިދޭސީއެއްގެ ބަޔާމެޓްރިކް ޑޭޓާ ނަގައިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

"އޮޕަރޭޝަން ކުރަނގި" ފަށާފައި ވަނީ މިމަހުގެ ދެވަނަ ދުވަހުގައެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ މުއައްސަސާތަކެއް ގުޅިގެންނެވެ.

އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިންމަފުށީގައި މަސައްކަތް ކުރަމުން އަންނަ 532 ބިދޭސީއެއް މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ ނަގައި އެ މައުލޫމާތު ބަލަހައްޓާ އެކްސްޕަޓް ސިސްޓަމަށް އެންޓާ ކޮށްފައިވާ ކަމަށެވެ.

"މިހާތަނަށް އެ ރަށުގައި މަސައްކަތް ކުރަމުންދާ 532 ބިދޭސީ މަސައްކަތްތެރިންގެ ބަޔާމެޓްރިކް ޑޭޓާ (10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކްގްނިޝަން ހެދޭވަރު ފޮޓޯ) ވަނީ ނެގި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑް ކުރެވިފައި" އިހުސާން ވިދާޅުވިއެވެ.

މިވަގުތު "އޮޕަރޭޝަން ކުރަނގި" ހަމައެކަނި ހިންމަފުށީގައި ކުރިއަށް ގެންދިޔަ ނަމަވެސް، ވަރަށް އަވަހަށް ރާއްޖޭގެ ފަސް ސަރަހަދެއްގައި އެއްފަހަރާ އެ އޮޕަރޭޝަން ފެށިގެންދާނެ ކަމަށް އިހުސާން ވިދާޅުވެފައިވެއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމްގައި އިހުސާން ވިދާޅުވެފައި ވަނީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން، ޤަވާއިދުގެ ތެރެއަށް ވެއްދޭނެ އިންތިޒާމު ތަކެއް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ. ސަރުކާރުން ހަމަޖައްސައިދީފައިވާ އެ ފުރުސަތުގެ ބޭނުން ނުހިފާ މީހުން ރާއްޖެއިން ޑީޕޯޓް ކޮށްލާނެ ކަމަށް ވިދާޅުވެފައިވެއެވެ.

"އެއްފަހަރާ ފަށާނަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއްގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި. ދާއިރު ކައުންސިލާއި ރަށު އޮފީހާ ގުޅިގެން، އެ ރަށެއްގައި ޤަވައިދާ އެއްގޮތަށްވެސް ޤަވާއިދާއި ޚިލާފަށް އުޅޭ މީހުންގެވެސް ޕިންގާ ޕްރިންޓް ނަގާފައި ފޮޓޯ ނަގާނެ،" އިހުސާން ވިދާޅުވެފައިވެއެވެ.

"މާނައަކީ ފިލައިގެން އުޅެނީ. އެއްވެސް ވަރަކަށް ރަސްމީ ކުންފުންޏެއްގައި މަސައްކަތެއް ނުކުރޭ. ފައިސާ އެއްޗެހި ޤަވާއިދާ ޚިލާފަށް ބޭރު ކުރަނީ. މިގޮތަށް އުޅޭ މީހުންނަށްވެސް އަޅުގަނޑުމެން ފުރުސަތު ދޭނަން އޭނާ ޤަވާއިދުގެ ތެރެއަަށް ވަންނަން. އެ ފުރުސަތަށް ބޯނުލަނބާ ނަމަ އޭނާ ޑީޕޯޓް ކޮށްލާނީ." އިޙްސާން ވިދާޅުވިއެވެ.

ސަރުކާރުން އަމާޒު ހިފައިފައިވަނީ ތިން އަހަރުގެ ތެރޭގައި ގަވާއިދާހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުން ކަމަށް އިހުސާން ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *