ވިލިމާލޭގައި 10 ބުރިއަށް އިމާރަތް ކުރެވޭ ގޮތަށް "މާލޭ ޕްލޭނިން ޤަވާއިދު" އިސްލާހު ކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ ޤަވާއިދު އިސްލާހުކޮށް ގެޒެޓު ކޮށްފައެވެ. އިސްލާހު ގެނެސްފައި ވަނީ ޤަވާއިދުގެ ދެވަނަ ބައި "ވިލިނގިލި އަވަށުގެ ޕްލޭނިން ޤަވާއިދު" ގެ ހަތް ވަނަ މާއްދާއަށެވެ.
އިސްލާހުގައިވާ ގޮތުން ދިރިއުޅުމަށް ނޫން އެހެން ބޭނުން ތަކަށްވެސް ދޫކޮށްފައިވާ ގޯތި ތަކުގައި 30.48 މީޓަރު ނުވަތަ 100 ފޫޓު އުސްމިނަށް އިމާރަތް ކުރެވޭނެއެވެ. އެއީ 10 ބުރި އިމާރާތެއްގެ އުސްމިނެވެ.
ޤަވާއިދަށް ގެނައި އިސްލާހުގައި ވަނީ 10 ބުރިއަށް އިމާރަތް ކުރެވޭނީ ފޯމިއުލާއެއްގެ ދަށުން ކަމަށެވެ. އެ ފޯމިއުލާ ޤަވާއިދުގައި ވަނީ ބަޔާން ކޮށްފައެވެ. އާ އިސްލާހުގައިވާ ގޮތުން ދިރިއުޅުމަށް ނޫން ބޭނުން ތަކަށް ދޫކޮށްފައިވާ ގޯއްޗެއްގައި 10 ބުރިއަށް އިމާރަތް ކުރެވޭނީ 20،000 ފޫޓަށް ވުރެ އެ ގޯތި ބޮޑު ނަމައެވެ. އަދި 2،000 ފޫޓަށް ވުރެ ގޯތި ކުޑަ ނަމަ، އިމާރާތް ކުރެވޭނީ، ހަ ބުރިއަށް ކަމަށެވެ.
"މާލޭ ޕްލޭނިން ޤަވާއިދު" ގައި ކުރިންވާ ގޮތުން ވިލިމާލޭގައި އެންމެ އުސްކޮށް އިމާރަތް ކުރެވޭނީ ހަ ބުރިއަށެވެ. އެއީ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި، 19.20 މީޓަރު ނުވަތަ 63 ފޫޓު އަދި ދިރިއުޅުމަށް ނޫން ބޭނުން ތަކަށް ދޫކޮށްފައިވާ ގޮތީގައި 18.5 މީޓަރު ނުވަތަ 61 ފޫޓެވެ.
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭނެ ގޮތަށް ހެދުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރުވެސް ވަނީ ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ޤަވާއިދު ބަދަލު ކުރެވޭތޯ މަސައްކަތް ކުރައްވައިފައެވެ.