މެޑިސިން ހަދާ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރެވޭ ގޮތް ހަމަޖައްސައިފި

މެޑިސިން ހަދާ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރެވޭ ގޮތް ހަމަޖައްސައިފި

މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ކެމްޕަސްގެ ގޮތުގައި ކުރިއެކޭ އެއްގޮތަށް މިހާރުވެސް ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރެވޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދީފިއެވެ.

އައިޖީއެމްއެޗްއާއި އެމްއެންޔޫގެ ދެމެދުގައި 2018 ވަނަ ހެދި އެއްބަސްވުމެއްގެ ދަށުން އެމްއެންޔޫ އާއި އައިޖީއެމްއެޗްއާއި 2018 ވަނަ ހެދި އެއްބަސްވުމެއްގެ ދަށުން ދަރުމަންވަންތަ ހޮސްޕިޓަލުގެ އަށް ވަނަ ފްލޯއާއި 14 ވަނަ ފްލޯ ވަނީ މެޑިސިން ސްކޫލުގެ ކެމްޕަސް ހިންގުމަށް އެމްއެންޔޫ އަށް 10 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްފައެވެ. އެ އެއްބަސްވުމުގެ ބަޔާން ކޮށްފައިވާ މުއްދަތު ހަމަނުވަނީސް ދަރުމަންވަންތަ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރަން ކަމަށް ބުނެ އައިޖީއެމްއެޗް އިން ވަނީ އެއްބަސްވުން އުވާލައިފައެވެ.

އެހެންވެ އެމްއެންޔޫން ވަނީ ދަރުމަންވަންތަ ހޮސްޕިޓަލުގައި ހުރި މެޑިސިން ސްކޫލުގެ ކެމްޕަސްގެ ވަސީލަތްތައް އެމްއެންޔޫއަށް ބަދަލު ކުރަން ފަށައިފައެވެ. އެކަމާއި ގުޅިގެން އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަނުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ރައީސް އޮފީހުގެ އިސްވެރިންނާއި މިދިޔަ މަހުގެ 26 ވަނަ ބައްދަލު ކުރައްވައިފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށް ފަހު، ދަރިވަރުންގެ ކަންބޮޑުވުން ތަކަށް ހައްލު ހޯދައިދީ ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތިން ކަންކަން ހަމަޖައްސަވައި ދެއްވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒުގެ ފަރާތްޕުޅުން ދެއްވާފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، އެ ޔުނިވާރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތައުލީމު ހާސިލްކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހަސްފަތާލުގައި ކުރިއަށްގެންދަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓާ މުހައްމަދު މުއިއްޒު ހަމަޖައްސަވައިދެއްވައި، ކަމާބެހޭ އިދާރާ ތަކަށް މިއަދު އެކަން އަންގަވައިފި" ރައީސް އޮފީހުގައި މިއަދު އޮތް ބައްދަލުވުމަކަށް ފަހު އެ އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނީ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތައުލީމު ހާސިލް ކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތް ތަކާއެކު، ދިރާސާތައްވެސް ކުރެވޭނެ ޚާއްސަ ތައުލީމީ ބިނާއެއްގެ މަސައްކަތް މިހާރުވެސް ކުރަމުން ދާކަމަށެވެ.

މެޑިސިން ކިޔަވާ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރެވޭ ގޮތަށް ސަރުކާރުން ނިންމެވުމުން، ކިޔަވާކުދިންގެ ކަންކަމުގައި، ޚާއްސަކޮށް މަތީ ތައުލީމު އުނގެނޭ ކުދިންނަށް ފުރުސަތުތައް ފަހިކޮށް ދެއްވުމުގައި ރައީސް ބޮޑު އިސްކަމެއް ދެއްވާކަން ކަށަވަރު ވެއްޖެކަން އެމްއެންޔޫއިން ފާހަގަ ކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *