ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް

ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލު ކުރަނީ

ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލު ކުރަނީ

ރާއްޖޭގައި ތެލެސީމިއާ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސް ސެންޓަރު ހުޅުމާލޭގެ އާ އިމާރާތަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ޚަލީލު ވިދާޅުވީ، ތެލެސީމިއާ ސެންޓަރު ބާވުމުގެ ސަބަބުން ބައެއް ބައިތައް ވެއްޓިފައިވާ ކަމަށެވެ. އަދި އެ ސެންޓަރަކީ ޖާގައިގެ ގޮތުން ދަތި ސެންޓަރަކަށް ވުމުން އެއީ ތެލެސީމިއާ ކުދިންނަށް ޚިދުމަތް ފޯރުކޮށްދޭން އެކަށީގެންވާ ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަލި ތަހައްމަލު ކުރާ ފަރާތް ތަކުގެވެސް އެހީތެރިކަމާއެކު، މިހާރު ވަނީ ހުޅުމާލެ ފޭސް އެކަކުން އިމާރާތެއްގެ ޖާގަ ކަށަވަރު ކުރެވިފައި. އިރާދަކުރެއްވިއްޔާ އެ ކުދިން އެ ބޭނުންވާ ގޮތަށް އެ ކުދިންގެ މަޝްވަރާއާ އެއްކޮށް ގާއިމް ކުރަންޖެހޭ ކަންކަން ބައްޓަން ކުރަމުން ގެންދާނީ. ވަރަށް އުފަލާއެކު ފާހަގަ ކުރަން އެ އިމާރާތަށް ޒިޔާރަތްކޮށް އެ އިމާރާތުގައި ހުންނަން ބޭނުންވާ ވަސީލަތްތައް މިހާރު ވަނީ މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސްއާ ހިއްސާކޮށްފައި،" ޚަލީލު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފޭސް އެކަކުން މިހާރު ވަނީ މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސްއަށް އިމާރާތެއް ހަމަޖެހިފައި ކަމަށެވެ. ތެލެސީމިއާ ސެންޓަރުގެ ޑިޒައިނިން މަސައްކަތްވެސް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ އެ އިމާރާތް ހެދުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކަމަށް ޚަލީލު ވިދާޅުވިއެވެ.

"ވަރަށް ކައިރި މުސްތަގުބަލެއްގައި އާ އިމާރާތަކަށް އާ ތަނަކަށް ބަދަލު ވެގެންދާނެކަން އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަ ކުރަން،" ޚަލީލު ވިދާޅުވިއެވެ.

ހުޅުމާލޭގައި ހަދާ ތެލެސީމިއާ ސެންޓަރުން ބޯންމެރޭ ހެދެން ހުންނާނެ ކަމަށާއި، އެ ސެންޓަރުގައި ތެލެސީމިއާއި ގުޅޭ އެންމެ ފަހުގެ ލެބް ތަކާއި ބްލަޑް ބޭންކެއްވެސް ގާއިމް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *