ފުލުހުންގެ އިދާރާއަށް ބިދޭސީން ގެނެސްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި

ފުލުހުންގެ އިދާރާއަށް ބިދޭސީން ގެނެސްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި

ފުލުހުންގެ މުއައްސަސާގެ ބޭނުމަށް ބިދޭސީން ގެނެސްދޭނެ ބަޔަކު ހޯދަން އެ މުއައްސަސާއިން މިއަދު އިއުލާނު ކޮށްފިއެވެ.

ފުލުހުން ގެޒެޓުގައި މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމާއި ބިދޭސީންނާ ގުޅޭ ގޮތުން ސަރުކާރު އިދާރާ ތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެން ކަމުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާ ކަމަށެވެ.

ބީލަން ފޮނުވަން ވާނީ ގެޒެޓުގައިވާ ފޯމު ފުރިމަހަ ކުރުމަށްފަހު [email protected] އަށް ކަމަށާއި އަދި އެ ފޯމުގެ ކޮޕީއެއް [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވި ކަމުގެ ސްލިޕް މެއިލް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިއުލާނުގައިވާ ގޮތުން ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ މި މަހުގެ 14 ވަނަ ދުވަހުގެ 14:00 އެވެ. ބީލަން ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުންގެ ޚިދުމަތުންނާއި، 9790052 ނަމްބަރަށް ގުޅައިގެން ލިބެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން، އެ މުއައްސަސާގެ ބޭނުމަށް ބިދޭސީން ހޯދަން އިއުލާން ކޮށްފައި މިވަނީ ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި ބިދޭސީން ގެންގުޅުމަކީ ބޭނުންވާ ގޮތެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

"ވަކިން ޚާއްސަކޮށް ސަލާމަތާއި ރައްކާތެރިކަމާގުޅޭ ޚިދުމަތް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އެއްވެސް ހާލެއްގައި ބިދޭސީއަކު ހުރުމަކީ އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން" އިހުސާން ވިދާޅުވެފައިވެއެވެ.

އިހުސާން ވިދާޅުވެފައި ވަނީ ފުލުހުންގެ ތެރެއިން ރައްޔިތުންނަށް ސީދާ ދޭ ޚިދުމަތް ތަކުގައި ބިދޭސީން ޝާމިލުނުވާ ކަމަށާއި، ނަމަވެސް ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި އަދި އަންސްކިލްޑް މަސައްކަތް ތަކުގައި ކޮންމެވެސް ވަރަކަށް ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތަށް މަސައްކަތްކުރާ ތިބި ބިދޭސީ މުވައްޒަފުންނަކީ ދިވެހިން ނުލިބުމުގެ ސަބަބުން މަސައްކަތް ކުރަމުންދާ ބިދޭސީން ކަމަށް އިހުސާން ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *